Advertisement

ސަރުކާރުން ހުރަސް އަޅާތީ އެމްޑީޕީގެ "ރަންރީނދޫ" ދުވުން ޖުލައި 25 ވަނަ ދުވަހު މާލޭގައި ބާއްވަނީ

16 ޖުލައި 2025 - 12:03 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން


ސަރުކާރުން ހުރަސް އަޅާތީ އެމްޑީޕީގެ "ރަންރީނދޫ" ދުވުން ޖުލައި 25 ވަނަ ދުވަހު މާލޭގައި ބާއްވަނީ

16 ޖުލައި 2025 - 12:03 1

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބާއްވަން ސަރުކާރުން ފުރުސަތު ނުދިނުމުން، އެ ދުވުން ޖުލައި 25، ވާ ހުކުރު ގައި މާލޭގާއި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވީ ރީތި ގޮތުގައި ދުވުން ހުޅުމާލޭގައި ބާއްވަން އުޅުމުން އެ ފުރުސަތު ދީފައި ނުވާތީ، ދުވުން މާލޭގައި ބާއްވަން ނިންމީ ޖުލައި 25، ގެ ހަވީރު 4:00 އިން 6:00 ޖަހަންދެންނެވެ.

"ސަރުކާރުން 18 ވަނަ ވަނަ ދުވަހު އަޅުގަނޑުމެން މި ހަރަކާތް ރީތިކޮށް ހުއްދައާއެކު ސުލްހަވެރިކަމާއެކު ހުޅުމާލޭގައި ބާއްވަން ފުރުސަތު ނުދެއްވީމަ އަޅުގަނޑުމެން އެދެނީ މިނިވަން ކަމަށާއި އަދި ޑިމޮކްރަސީއަށް ލޯބި ކުރައްވާ އެންމެހާ ރައްޔިތުން އަޅުގަނޑުމެންނާއެކު 25 ގައި މިއޮންނަ ރަން ރީނދޫ ހަރަކާތުގައި ބައިވެރިވެދެއްވުމަށް،" އޭނާ ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު އެމްޑީޕީގެ ދުވުން ބާއްވަން އެ ޕާޓީއަށް ހުއްދަ ނުދިނީ އެޗްޑީސީންނެވެ. އެކަމާ ގުޅިގެން އެމްޑީޕީން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހަޅާފަ އެވެ.

އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީއާ މަޝްވަރާ ކޮށްގެން ރަންރީނދޫ ދުވުން އެ ޕާޓީއަށް ހުޅުމާލޭގައި ބޭއްވޭނެ އިންތިޒާމު ހަމަޖެހޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިފަ އެވެ.

"ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މަޝްވަރާކުރައްވައި، މި ޕާޓީއިން ރާވާފައިވާ ގޮތުގެ މަތިން، 18 ޖުލައި 2025 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަންރީނދޫ ދުވުން، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވޭނެ އިންތިޒާމު ހަމަޖެހޭނޭ ގޮތް ހައްދަވައިދެއްވުން އެދި، ތިޔަ ކޮމިޝަނުގައި ދެންނެވިން،" އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ބުންޏެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވަން ތައްޔާރުވާ ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 25، ގައި ފަށާ އެ ދުވުން ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.

ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ޖަލްސާތައް ބާއްވަން ނިންމާފައިވާއިރު، އަންނަ އޯގަސްޓް މަހު މާލޭގައި ޖަލްސާއެއް ބާއްވާނެކަން އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.