16 ޖުލައި 2025 - 11:07 2
ސާއިފް ޝިޔާދު
އެމްޑީޕީއަށް އަލުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވާހަކަ ދައްކަވަނީ. އެއާޕޯޓާ ގުޅިގެން ދަރަނީގެ ކަންބޮޑުވުންތަކެއް ފާޅުކުރެއްވި --- ފޮޓޯ: އަދަދު ފައިލް
16 ޖުލައި 2025 - 11:07 2
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އާއެކު އެ އެއާޕޯޓް "ވަރަށް ރީތި" ކަމަށް ވާނީ އެ ޓާމިނަލްއިން ރާއްޖެ ދަރަނީގެ ދަންތުރައިން ސަލާމަތް ކުރެވޭނެ ނަމަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ އެއާޕޯޓްގެ ސަބަބުން ޓޫރިސްޓުން އަންނަވަރު އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަނަމަ ވެލާނާ އެއާޕޯޓް "ވަރަށް ރީތި" ކަމަށެވެ.
"ކޮންކުރީޓް، ބިއްލޫރި އަދި ޕްލާސްޓިކް އަވައިގައި ޖެހި، އެއީ ތަރައްގީ ކަމަށް ދައްކަނީ ނަމަ އެއީ ހަނި ވިސްނުމެއް. ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ވެސް ރީތި ވާނީ ވަޅި ތޫނު ކަމަށް ބުނާ ނަމަ މިސާލުގަ،" ނަޝީދު އެކްސްގައި ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ. މ ޕްރޮޖެކްޓަށް މިހާތަނަށް 812 މިލިއަން ޑޮލަރު (12.5 ބިލިއަން ރުފިޔާ) ގެ ދަރަނި ދައުލަތުން ނަގާފައި ވެ އެވެ.
މެއި 22, 2016 ގައި މި މަޝްރޫއުގެ މަސައްކަތް, ސައުދީ އަރަބިއާގެ ބިން ލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކުރި އެވެ. އޭރު އޮތީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. އެއަށް ފަހު އައި އެމްޑީޕީގެ ސަރުކާރުން އެއާޕޯޓް ނިންމަން އަމާޒު ހިފީ 2022 ގެ ނިޔަލަށް އެ މަޝްރޫއު ނިންމުމަށެވެ.
ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.
ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.
Comment