Advertisement

މައުލޫމާތު ނުދީ ތެޅުވުމަށް ފަހު، ރައީސް އޮފީހުން ބުނީ މިހާރު ތިބީ 922 ސިޔާސީން ކަމަށް

16 ޖުލައި 2025 - 01:40 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒު އެ މަނިކުފާނުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު އާ ސަލާމްކުރައްވަނީ. -- ފޮޓޯ؛ ރައީސް އޮފީސް


މައުލޫމާތު ނުދީ ތެޅުވުމަށް ފަހު، ރައީސް އޮފީހުން ބުނީ މިހާރު ތިބީ 922 ސިޔާސީން ކަމަށް

16 ޖުލައި 2025 - 01:40 1

ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން ނޫސްތަކާއި އާންމުން ތަކުރާރުކޮށް އެދެމުން ދިޔައިރު، މައުލޫމާތު ހޯދައިލިބިދިނުމުގެ ހައްގުގެ ގާނޫނާ ހިލާފަށް އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ފަހު، މި ސަރުކާރުގައި މި ވަގުތު ތިބީ ޖުމުލަ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއީ ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ކަނޑައެޅި ލަނޑުދަނޑިއަށް ވުރެ އިތުރު އަދަދެކެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އޭރު ވިދާޅުވެފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެ ކަމަށެވެ.

"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މިހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ހިމެނޭހެން," އޭނާ އޭރު ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށްގެން ފާޑުކިޔުން ވެސް އިންތިހާއަށް އަމާޒު ވެފައި އޮތްވައި، މިރޭ ދަންވަރު 12:30 ހާއިރު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރި ލިޔުމުގައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު އައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ އަދަދަކީ 922 ކަމެވެ.

އެ އޮފީހުން މިހެން ބުނިއިރު 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ވިދާޅުވެފައިވެ އެވެ. އަދި ބައެއް މީހުން ސިޔާސީ މަގާމުތަކުން ސަރުކާރުގެ ކުންފުނިތަކަށް ވެސް ބަދަލުކޮށްފައިވެ އެވެ.

މި ސަރުކާރުގައި މިހާރު ތިބި ކަމަށް ބުނާ 922 މުވައްޒަފުން

  • ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
  • ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
  • ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
  • ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
  • އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން

"ސިޔާސީ މަގާމުތަކަށް އައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިއުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން އައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކިކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ވަކި ކުރައްވާނީ 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި ހަތް ސްޓޭޓް މިނިސްޓަރުން ވިދާޅުވި އެވެ.

ތަރުޖަމާނު ހީނާ ވިދާޅުވެފައި ވަނީ އޮކްޓޯބަރު 31، 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ވަކިކުރީ ކޮން ބައެއްކަން ހާމަ ނުކުރެ އެވެ.

ރައީސް އޮފީހުގެ މުވައްޒަފުންނާއި މުލިއާގޭގެ މުވައްޒަފުންގެ އަދަދު ހިމަނައިފި ނަމަ ސިޔާސީ މުވައްޒަފުންގެ އަދަދު 922 އަށް ވުރެ އިތުރުވާނެ އެވެ.

އިގުތިސޯދީ ހާލަތު ގޯސްވުމުގެ ފަހަތުގައި ކުރީ ސަރުކާރުގެ މަތިބަރު ކަމަށް މި ސަރުކާރުން ބުނެފައި ވިޔަސް، މި ސަރުކާރުން ވަނީ މަތިބަރުކޮށް މުސާރައަށް ހޭދަކުރާ މިންވަރު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިތުރުކޮށްފަ އެވެ.

ސިޔާސީ މަގާމުތަކުގައި ތިބި ކަމަށް ރައީސް އޮފީހުން ބުނި 922 މީހުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ހޭދަވަނީ ކިހާ ވަރެއްކަން އަދި ހާމައެއް ނުކުރެ އެވެ. އަދި އެ މުވައްޒަފުންގެ ފުލް ލިސްޓެއް ވެސް ހާމައެއް ނުކުރެ އެވެ.