Advertisement

ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއި ޓްރާންސްޕޯޓްގެ އިހުމާލު އޮތުމުން ނާޒިލްގެ ކަންބޮޑުވުން

14 ޖުލައި 2025 - 10:38 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއި ޓްރާންސްޕޯޓްގެ އިހުމާލު އޮތުމުން ނާޒިލްގެ ކަންބޮޑުވުން

14 ޖުލައި 2025 - 10:38 0

ރާއްޖޭގައި ހަދާފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންގެ އިދާރާ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަހަންމިއްޔަތުކަން ނުދޭ ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނާޒިލް ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެ ގޮތްތައް އިދާރާތަކުން ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވާހަކަ ތަކުރާރުކޮށް ވާނެ ދިވެހި ފުލުހުންނާ އެކީގައި މަޖިލީހުގައި ބޭއްވި ކޮމިޓީ ބައްދަލުވުންތަކުގައި ސަމާލުކަމަށް ގެނެސްފައި. އެހެން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ފުލުހުންގެ އިދާރާއިން ވެސް މިކަމަށް އެއްވެސް ކަހަލަ އަހަންމިއްޔަތު ކަމެއް ދޭތަނެއް ނުފެނޭ،" ނާޒިލް ވިދާޅުވި އެވެ.

ރާއްޖޭގެ ގަވާއިދުތައް އޮންނަ ގޮތުން ވެހިކަލް ދުއްވަން ޖެހެނީ މަގުގެ ވާތް ފަރާތުން ކަމަށާއި ނަމަވެސް ފަހަކަށް އައިސް ކަނާތް ފަރާތުން ވެހިކަލް ދުއްވުން އިތުރުވެ، އެކްސިޑެންޓުތައް ގިނަވެފައިވާ ކަމަށް ނާޒިލް ފާހަގަކުރެއްވި އެވެ.

"މަގު މެދުގައި ޓްރެފިކް ކަންކަން ބަލަހައްޓަން ހުންނަ ފުލުސް ކުއްޖާ ވެސް، ގައިގެ ކައިރިން ލާފައި، ނުބައި ފަޅިން އުޅަނދު ދުއްވާފައި ދާއިރު ވެސް ނުބުނޭ އަނެއް ފަޅިން ދުއްވާށެކޭ ވެސް. ހުއްޓުވާފައި ކުރަން ޖެހޭ ކަންކަން އެއީ،" ނާޒިލް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމުގެ ކަންބޮޑުވުން އާންމުން އަންނީ ފާޅުކުރަމުންނެވެ.

މަޖިލީހުގެ މެންބަރަކު މިފަދަ ކަންބޮޑުވުމެއް ފާޅުކުރެއްވިއިރު ވެރި ރަށް މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެކަކު މަރުވެ ދެ މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

އެ އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖެއް ރޭ ވަނީ އާންމުވެފަ އެވެ. އެ ފުޓޭޖުން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ކުއްލިއަކަށް ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ.

ދުވަން ނުކުމެ އުޅުނު މީހާގެ ގައިގައި ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. ސައިކަލު ޖެހުނީ ކުރިމަތިން އައި ޕިކަޕުގަ އެވެ. ޕިކަޕު މަޑުވީ ސައިކަލު ގޮސް ޕިކަޕުގައި ޖެހުނުތާ ސިކުންތުކޮޅެއް ފަހުންނެވެ. ސައިކަލު ފަހަތުގައި އިން ކުއްޖާއަށް ލިބުނު ގެއްލުމެ ތަފުސީލެއް އަދި ނުލިބެ އެވެ.