Advertisement

ދަޑިމަގު ބަލިކޮށް ގައުމީ ފައިނަލުގެ ފަހު ޖާގަ އެޗްޑީސީ އަށް

13 ޖުލައި 2025 - 07:22 0


ދަޑިމަގު ބަލިކޮށް ގައުމީ ފައިނަލުގެ ފަހު ޖާގަ އެޗްޑީސީ އަށް

13 ޖުލައި 2025 - 07:22 0

ގައުމީ ވޮޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ކުރިހޯދައި ކްލަބް އެޗްޑީސީ އިން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެޗްޑީސީ އިން ވަނީ ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފަ އެވެ. ދަޑިމަގަށް ތިން ވަނަ ސެމީ ކުޅެން ޖެހުނީ ފުރަތަމަ ސެމީގައި ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވުމުންނެވެ.

ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފަހު ސެމީގައި އެޗްޑީސީން ދަޑިމަގުގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ، 25-23، 16-25، 20-25 އަދި 23-25 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ދަޑިމަގުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ދަޑިމަގުގެ ހުސެއިން ނިލާމް (ޕާޓޭ) އަދި އަލީ ހުޒާމް (ހުޒަންޓޭ)ގެ މޮޅު އެޓޭކްތަކެއް ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު ދަޑިމަގުން ގެންދިޔައީ 25-23 އިންނެވެ.

އެޗްޑީސީ އާއި ދަޑިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


އެކަމަކު، ޖެހިގެން އައި ތިން ސެޓުގައި ވެސް އެ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުން ތަކުރާރު ނުކުރެވެނުވެ. އަދި މި މެޗުގައި އެ ޓީމުގެ ބިދޭސީ ސެޓަރު ޒޮލޮބޯ ފެނިގެންދިޔައީ ބެންޗުންނެވެ. އޭގެ ފައިދާ އެޗްޑީސީން ނަގާ ޖެހިގެން އައި ތިން ސެޓު، 25-16، 25-20 އަދި 25-23 އިން ގެންދިޔައީ އެވެ.

މުޅި މެޗުގައި ވެސް އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، ޝަމާއިލް ހުސެއިން އަދި އަހުސަން (ސޮއްޓި) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ގައުމީ މުބާރާތުގެ ފައިނަލުގައި މާދަމާރޭ އެޗްޑީސީން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސިފައިންނާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ފައިނަލުގައި، ސިފައިން ވަނީ އެޗްޑީސީގެ މައްޗަށް ކުރިހޯދައިފަ އެވެ.