Advertisement

ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑުން ފާހަގަވި މައްސަލަތައް އިސްލާހުކުރަން އަންގައިފި

12 ޖުލައި 2025 - 15:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތިނަދޫ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާއެއްގެ ތެރެއިން: އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައި -- ފޯޓޯ؛ އެކްސް


ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑުން ފާހަގަވި މައްސަލަތައް އިސްލާހުކުރަން އަންގައިފި

12 ޖުލައި 2025 - 15:10 0

ތިނަދޫ ސިޓީ ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފާހަގަކޮ މައްސަލަތައް އިސްލާހު ކުރަން އޮޑިޓާ ޖެނެރަލް އޮފީހުން ކައުންސިލަށް އަންގައިފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ކުރި އޮޑިޓުން ފައިސާގެ މުއާމަލާތްތައް ވެސް ހިމެނޭ ގޮތަށް ކައުންސިލުގެ 12 މައްސަލައެއް ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ތިނަދޫ ކައުންސިލަށް 2023 ވަނަ އަހަރުގެ ނިޔަލަށް 7.07 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ރަޖިސްޓްރީން ދެއްކި ނަމަވެސް، ރަޖިސްޓްރީގައި ހިމަނާފައިވާ ބިންތަކުގެ ތެރެއިން 19 ބިމަކުން ލިބެންޖެހޭ ފައިސާތައް އޮޑިޓަރުން ހިސާބުކުރުމުން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ބިންތަކުން ޖުމްލަ 3.06 މިލިއަން ރުފިޔާ ކައުންސިލަށް ލިބެން ޖެހޭ އެވެ.

އެކަމަކު ކައުންސިލުން ތައްޔާރުކޮށްފައިވާ ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ ބިންތަކުން 2023 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހެނީ 2.23 މިލިއަން ރުފިޔާކަމުން، އެއީ އޮޑިޓަރުންގެ ހިސާބުތަކުން ދައްކާ އަދަދަށްވުރެ 832،012ރ. މަދު އަދަދެކެވެ.

"ކައުންސިލުގެ އިދާރާއިން ތައްޔާރުކޮށްފައިވާ ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީގައި އެކި ފަރާތްތަކުން ލިބެންޖެހޭ 459،991ރ. ހިމަނާފައިނުވާތީ، ލިބެންޖެހޭ ފައިސާގެ ގޮުގައި ކައުންސިލުގެ އިދާރާއިން ތައްޔާރުކޮށްފައިވާ ރަޖިސްޓްރީގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއް ނޫންކަން ފާހަގަކުރަން،" އޮޑިޓުގައި ބުންޏެވެ.


މީގެއިތުރުން ރިޕޯޓުގައި ބުނީ ބިމުގެ ކުލި ހޯދުމަށް ކައުންސިލުން ޝަރުއީ ގޮތުން ފިޔަވަޅު އެޅި ނަމަވެސް، އޮޑިޓުން ސާމްޕަލްގެ ގޮތުގައި ބެލި 19 ބިމުގެ ތެރެއިން 15 ބިމެއްގެ ބިމު ކުލި ހޯދުމަށް ކައުންސިލުގެ އިދާރާއިން އެއްވެސް އިތުރު ފިޔަަވަޅެއް އަޅާފައި ނުވެ އެވެ.

ތިނަދޫ ސިޓީ ކައުންސިލުން 2023 ވަނަ އަހަރު ކޮށްފައިވާ ދަތުރުތަކުގެ އެލަވަންސް ދިނުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ބައެއް ދަތުރުތަކުގެ އެލަވަންސް ދީފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ފާހަގަވެފަ އެވެ.

މިގޮތުން ރަށްރަށުގެ ދަތުރުތަކަށް ހުރުމުގެ ހަރަދުގެ ގޮތުގައި ދެވޭނީ ރެއަކާއި ދުވާލަކަށް 500ރ. ރޭޓުން ކަމަށްވީ ނަމަވެސް، ކައުންސިލުގެ އިދާރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކ. އަތޮޅަށް ކޮށްފައިވާ ތަޖުރިބާ ދަތުރުގައި ހުރުމުގެ ހަރަދުގެ ގޮތުގައި ރެއަކާއި ދުވާލަށް 700ރ. އަދި އއ. އަތޮޅަށް ކޮށްފައިވާ ދަތުރުގައި ހުރުމުގެ ހަރަދުގެ ގޮތުގައި ރެއަކާއި ދުވާލަކަށް 1،500ރ. ރޭޓުން ފައިސާ ދޫކޮށްފައިވެ އެވެ.

މީގެއިތުރުން ދަތުރުތަކަށް ހުރުމުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓަށްވުރެ އިތުރަށް 49،800ރ. ދޫކޮށްފައިވުމުގެ އިތުރުން އެ ދަތުރުގައި ކައުންސިލް އިދާރާގެ ފަރާތުން ބައިވެރިވި ދެ މީހަކަށް އެއް ދުވަހުގެ ހުރުމުގެ ހަރަދުގެ ގޮތުގައި 1،000ރ. އިތުރަށް ދީފައިވެ އެވެ.

ކެއުމުގެ ހަރަދުގެ ގޮތުގައި 5،120ރ. އިތުރަށް ދީފައިވާއިރު، ދަތުރުތަކާއި ގުޅިގެން އެހެނިހެން ހަރަދުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 59،300ރ. ހަރަދުތަކުގެ ބިލު ހުށަހަޅާފައި ނުވުމުގެ ސަބަބުން އެ ހަރަދުތަކަކީ ހަގީގަތުގައި ވެސް ހިނގާފައިވާ ހަރަދުތަކެއްކަން ކަށަވަރު ނުވާކަން އޮޑިޓުގައި ފާހަގަކުރި އެވެ.


އޮޑިޓުގައި އިތުރަށް ފާހަގަކޮށް އިސްލާހުކުރަން ބުނި ކަންކަން:

  • ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކުރުން.
  • ގަވާއިދާ ހިލާފަށް ބިޑް ކޮމިޓީ އާއި ބިޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުންނަށް އެލަވަންސް ދިނުން.
  • އިލެކްޓްރޯނިކް ޒަރީއާއިން ބަލައިގަންނަ ފައިސާއަށް ރަސީދު ތައްޔާރުކޮށްފައި ނުވުން.
  • އަތްގާޑިޔާތަކަށް ލިބެންޖެހޭ ކުލީގެ ފުރިހަމަ ރިކޯޑެއް ތައްޔާރުކޮށްފައި ނުވުމާއި ގާޑިޔާތައް ހިންގަމުންދާގޮތް އެކަށީގެންވާ ގޮތެއްގައި މޮނިޓާކޮށްފައި ނުވުމާއި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ގާޑިޔާ ކުއްޔަށް ދޫކުރުން.
  • ހަތަރުވަނަ ދައުރުގެ ކައުންސިލް މެންބަރުންނަށް މުސާރަ އާއި އުޖޫރަ އިތުރަށް ދިނުން.
  • ކުލީ ބިންތަކުގެ އެއްބަސްވުމުގައި އިޖުތިމާއީ ހިދުމަތުގެ ގޮތުގައި ކޮށްދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުކުރުން.
  • ކައުންސިލުގެ އިދާރާއިން އެހީ ދިނުމުގެ ގަވާއިދެއް ފާސްނުކޮށް އަމިއްލަ ޖަމިއްޔާތަކަށް އެހީ ދިނުން.
  • ކައުންސިލުގެ ސަރަހައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާއި ބެހޭ ޕްލޭނެއް އެކުލަވާފައި ނުވުމާއި ލޭންޑް ޔޫޒް ޕްލޭން ތައްޔާރު ނުކޮށް ބިން ކުއްޔަށް ދޫކުރުން.
  • މަސް ބަންދުކުރާ ކާރުހާނާ ހިންގުމަށް ގދ. ތިނަދޫ އިން ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އެއްބަސްވުމާއި އެއްގޮތަށް ތަނުގެ މަސައްކަތް ކުރިއަށް ނުގެންގޮސްފައި ނުވުމާއި، ބިމުކުއްޔާއި އިޖުތިމާއީ ހިދުމަތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އިދާރާއަށް ނުދެއްކުން.
  • ކައުންސިލުގެ އިދާރާގެ އިހުސާސްގެ ތެރޭގައި ހިމެނޭ ބިމެއްގެ އެއްބަސްވުން އިދާރާގެ ނަމަކަށް ބަދަލު ކޮށްފައި ނުވުމާއި ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުން އައުނުކޮށް ބިން ބޭނުން ކުރުން.