11 ޖުލައި 2025 - 13:05 0
ކަނޑު ގަދަ ދުވަހެއްގައި މުދާ އުފުލާ ދޯންޏަކުން ދަތުރަށް ފުރަނީ: ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކުރޭ -- އަދަދު ފައިލް ފޮޓޯ
11 ޖުލައި 2025 - 13:05 0
ހަތް މީހުންނާ އެކު މަހަށް ނިކުތް ތ. ވިލުފުށީ "ވިލުރޯދި" ދޯނި ސަލާމަތްތެރިކަމާ އެކި އަނބުރާ އައިސް ރަށަށް ވަދެއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
"ވިލުރޯދި" ދޯނި ރަށަށް ވަން މައުލޫމާތު އެމްއެންޑީއެފްއިން ހިއްސާކުރީ މަހަށް ނިކުމެ އުޅެނިކޮށް އެ ދޯނި ގެއްލިފައިވާ ކަމަށް ކޯސްޓްގާޑަށް އިއްޔެ ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެމްއެންޑީއެފްއިން ބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި "ވިލުރޯދި" ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ރޭ ދަންވަރު 2:00 ހާއިރު އެ ދޯނި ވިލުފުއްޓަަށް ވަދެފައިވާ ކަމަށެވެ.
މި ދޯނި ގެއްލިގެން ރިޕޯޓުކުރިއިރު، މޫސުން ގޯސްވުމާ ގުޅިގެން މި ދުވަސްވަރު ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. މި ވަގުތު ވެސް ކޯސްޓްގާޑުން އަންނަނީ މީހަކު ގެއްލިގެން "ސާޗް އެންޑް ރެސްކިޔު" އޮޕަރޭޝަނެއް ހިންގަމުންނެވެ.
ގެއްލިގެން ހޯދަމުންދަނީ، ޒަކަރިއްޔާ މުހައްމަދު، 79އ، އެވެ. އޭނާ ގެއްލުނީ ގދ. ގައްދޫން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ އެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވުމާ ގުޅިގެން އިއްޔެ އެކަނި ތަފާތު ހަތް ހާދިސާއެއް ކޯސްޓްގާޑަށް ރިޕޯޓުކުރިކަމަށް އެމެއެންޑީއެފްއިން ބުނެފައި ވެ އެވެ. މިއިން އެއް ހާދިސާގައި މުދާ އުފުލާ ބޯޓެއް ވަނީ އަޑިއަށް ގޮސްފަ އެވެ. މި ބޯޓުގައި ތިބި 12 ފަޅުވެރިން ވަނީ ސަލާމަތްކޮށްގެން މާލެ ގެނެސްފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނެ އެވެ.
އެމްއެންޑީއެފްއިން ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ ދަތުުރު ފަސްކޮށްލުމަށާއި، ޔެލޯ ނުވަތަ އޮރެންޖު އެލާޓު ނެރެފައި ވަނިކޮށް ދަތުރުނުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެ އެވެ.
Comment