Advertisement

ހަރަދު ކުރުން އިތުރުވެ ބަޖެޓު ސާޕްލަސް ދަށް ވަނީ

10 ޖުލައި 2025 - 14:33 1

ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ވިލިމާލެ އާއި ގުޅީފަޅު ފެންނަ މަންޒަރެއް: ރިކަރަންޓު ހަރަދުތައް އިތުރު ވިޔަސް ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރާ މިންވަރު ކުޑަ -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ހަރަދު ކުރުން އިތުރުވެ ބަޖެޓު ސާޕްލަސް ދަށް ވަނީ

10 ޖުލައި 2025 - 14:33 1

ދައުލަތުން ހަރަދުކުރާ މިންވަރު އިތުރުވުމާ ގުޅިގެން މި އަހަރުގެ ބޮޑު ބަޔެއްގައި ބިލިއަން ރުފިޔާއިން މަތީގައި ހިފަހައްޓަމުން އަންނަ ޖުމްލަ ބަޖެޓު ސާޕްލަސް 628 މިލިއަން ރުފިޔާއަށް ތިރިވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ދެ ހަފުތާއެއް ވަންދެން އާންމުނުކޮށް ތިބުމަށް ފަހު، ފިިނޭންސުން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 26، ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 18.5 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދުކުރީ 17.9 ބިލިއަން ރުފިޔާ އެވެ.

ހަފުތާއިން ހަފުތާއަށް އާމްދަނީ އާއި ހަރަދުގެ ހިސާބުތަކަށް އައި ބަދަލަށް ބަލާއިރު، މި އަހަރުގެ 23 ވަނަ ހަފުތާގެ ތެރޭގައި އާމްދަނީއަށް ބިލިއަން ރުފިޔާ ލިބުނުއިރު، އެ ހަފުތާގެ ތެރޭގައި 1.7 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. މީގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހަރަދުވީ ސަރުކާރުު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

މުސާރަތަކާއި ދައުލަތް ހިންގުމަށް ކުރި ހަރަދުތައް އިތުރުވީ ނަމަވެސް، ކެޕިޓަލް ހަރަދުތައް ކުރާ މިންވަރަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ކެޕިޓަލް ހަރަދުތަކަށް 12.5 ބިލިއަން ރުފިޔާ ބަޖެޓު ކުރި އެވެ. ނަމަވެސް މި ފައިސާގެ ބޮޑު ބަޔެއްގައި އަތް ނުލަ އެެވެ.

އެންމެ ފަހުން އާންމުކުރި ފިސްކަލް ރިޕޯޓުގައިވާ ގޮތުން އެ ހަފުތާގެ ނިޔަލަށް ކެޕިޓަލް ކަންކަމަށް ހަރަދު ކުރީ 1.9 ބިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓުކުރި ވަރުގެ އެންމެ 15 ޕަސެންޓެވެ.

އޮވަރޯލް ބަޖެޓަކީ ދަރަނި ނެގުމުގެ ހަރަދާއި އިންޓްރެސްޓު ހަރަދު ނުލައި ހިސާބުކުރާ ބަޖެޓެވެ. އޯވަރޯލް ބަޖެޓު ސާޕްލަސް ބިލިއަނުން ދަށަށް ވެއްޓުނު ނަމަވެސް، އެ ހަރަދު ނުލައި ހިސާބުކުރާ ޕްރައިމަރީ ބެލެންސުގެ ސާޕްލަސް އަދި ވެސް ހުރީ ދެ ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.