Advertisement

ބިންވެރިޔާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ރޭ ގެޒެޓުކުރި އިއުލާނު ޑިލީޓުކޮށް, އަނެއްކާ އާ އިއުލާނެއް ކޮށްފި

10 ޖުލައި 2025 - 10:48 5

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު، މުއްތަލިބު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ބިންވެރިޔާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ރޭ ގެޒެޓުކުރި އިއުލާނު ޑިލީޓުކޮށް, އަނެއްކާ އާ އިއުލާނެއް ކޮށްފި

10 ޖުލައި 2025 - 10:48 5

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކަށް އިސްލާހު ނުގެނެސް، ހަމައެކަނި އެ މީހަކަށް ލިބޭ އާ ގޯތީގެ މައުލޫމާތު ބަދަލު ކުރުމަށްފަހު ސޮއިކުރަން ނިންމާފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އިއުލާނު ޑިލީޓުކުރުމަށްފަހު އިބާރާތް ބަދަލު ކޮށްފައިވާ އެހެން އިއުލާނެއް އަލުން ނެރެފި އެވެ.

ހައުސިން މިނިސްޓްރީން ރޭ ފުރަތަމަ ކުރި އިއުލާނުގައި ބުނީ މިނިސްޓްރީން ނިންމާފައި ވަނީ މެއި 30، 2025، ގައި ނެގި ގުރުއަތާ އެއްގޮތަށް ގޯތިތައް ހަވާލު ކުރުމުގެ ގޮތުން، ހަމައެކަނި ގޯތީގެ އާ ރެޖިސްޓްރީ ނަންބަރާއި، ގޯތި އޮތް ތަން ބަޔާން ކޮށްދިނުމަށް ހިމަނާ ކޯޑިނޭޓްސްގެ އިތުރުން ގޯތީގެ ނަންބަރު ބަދަލުކޮށް، ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަމަށެވެ.

އެ އިއުލާނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުން ޑިލީޓުކޮށްފަ އެވެ. އަދި އެ އިއުލާނާއެކު އެކްސްގައި ކުރި ޕޯސްޓު ވެސް މިނިސްޓްރީން ވަނީ ޑިލީޓުކޮށްފަ އެވެ.

އެ އިއުލާނު ޑިލީޓު ކުރުމަށްފަހު އަލުން ގެޒެޓުކުރި އިއުލާނުގައި ބުނެފައި ވަނީ ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައި ނުވާ ކަމަށެވެ. އަދި މިހާރު މިނިސްޓްރީން ނިންމާފައި ވަނީ އާ ގޯތީގެ ރެޖިސްޓްރީ ނަންބަރާއި އާ ގޯތީގެ ނަންބަރާއި އާ ގޯތި އޮތްތަން ބަދަލުވިކަމުގެ ލިޔުމެއްގައި ގޯތި ލިބޭ ފަރާތްތަކާއި މިނިސްޓްރީ އާ ދެމެދު ސޮއިކުރަން ކަމަށެވެ.

އެ އިއުލާނު އެކްސްގައި ރީޕޯސްޓު ކުރައްވައި މުއްތަލިބު ވިދާޅުވީ އެ ނިންމުން ނިންމީ އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ހަވާލު ކުރުމުގެ ކަންކަން ލަސްނުކޮށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"މިނިސްޓްރީން ނިންމީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށެވެ، މިއީ އިތުރު ލަސްވުމެއް ނެތި އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމި ނިންމުމެއް،" މުއްތަލިބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބިންވެެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބިމާބެހޭ ގާނޫނުގެ މާއްދާއަކާ ހިލާފު ކަމަށެވެ. ނަމަވެސް ހަމައެކަނި ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހު ގެނެސްގެން އެ މައްސަލަ ހައްލުވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހަދާފައިވާ އެއްބަސްވުންތަކާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ހުރި ފުށުއެރުންތައް ހައްލު ކުރުމަށް ބަންޑާރަނައިބާ މަޝްވަރާ ކޮށްގެން ޖުމުލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.