Advertisement

ރެއާލް ކަޓުވާލުމަށް ފަހު ޕީއެސްޖީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

10 ޖުލައި 2025 - 02:02 0


ރެއާލް ކަޓުވާލުމަށް ފަހު ޕީއެސްޖީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

10 ޖުލައި 2025 - 02:02 0

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ފުރަތަމަ ހާފުގައި ޖެހި ގޯލުތަކާ އެކު، ރެއާލް މެޑްރިޑް 4-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި، ޔޫރަޕްގެ ޗެމްޕިއަން، ފްރާންސްގެ ޕީއެސްޖީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ޕީއެސްޖީން ކުޅޭނީ، ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން، ޗެލްސީއާ ދެކޮޅަށެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން ޕީއެސްޖީން އެޓޭކް ކުރަމުންދިޔައިރު، ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ޖެހި ރަނގަޅު ހަމަލާއެއް ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ މަތަކުރި އެވެ.

ޕީއެސްޖީގެ ޑެމްބެލޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


އެކަމަކު، ރެއާލްގެ ޑިފެންޑަރު، ރައުލް އަސެންސިއޯ ހެދި ގޯހެއްގެ ފައިދާނަގައި، ޑެމްބެލޭ ދިން ބޯޅައަކުން މެޗުގެ ހަ ވަަނަ މިނިޓްގައި، އޭރިއާތެރެއިން ފަބިއަން ރުއީޒް ގޯލަށް ބޯޅަ ވައްދާލައި، ޕީއެސްޖީ އަށް ލީޑުނަގައިދިނެވެ. އޭގެ ތިން މިނިޓް ފަހުން، ރެއާލްގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ހެދި ގޯހެއްގެ ފައިދާނަގައި، ޑެމްބެލޭ ވަނީ އޭރިއާތެރެއަށް ވަދެ، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އަނިޔާގެ ސަބަބުން ޓްރެންޓް އަލެންސަންޑަ އާނޯލްޑް ނުލައި ކުޅުނު ރެއާލުން ފުރަތަަމަ އެގާރައިގައި، ކީލިއަން އެމްބާޕޭ ހިމަނައިގެން މި މެޗުގައި ކުޅުނުއިރު، މިއީ، އޭނާ ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަަމަ މެޗެވެ. މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި އެމްބާޕޭ ބަލިވެ އުޅޭތީ އެއްކޮށް ފިޓެއް ނޫނެވެ.

ރެއާލުން ކުރިއަށް ޖެހިގެން ކުޅެނިކޮށް، ޕީއެސްޖީން ކުރި އެޓޭކެއްގައި، މެޗުގެ 24 ވަަނަ މިނިޓްގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، އަޝްރަފް ހަކީމީ ދިން ބޯޅައެއްގައި، ހަމަޖެހިލައިފައި، ރުއިޒް ޖެހި ގޯލެކެވެ.

ޕީއެސްޖީގެ ހަކީމީ (ކ) އަތުން ބޯޅަ ހޯދަން ޕީއެސްޖީގެ އެމްބާޕޭ މަސައްކަތް ކުރަނީ.


ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން، ރެއާލުން އެޓޭކް ކުރެވޭތޯ ބެލިއިރު، މި މުބާރާތަށް ފަހު، އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު، ލޫކަ މޮޑްރިޗް ވެސް ވަނީ ކުޅެން އަރައިފަ އެވެ. މިއީ، މޮޑްރިޗް، ރެއާލް ޖޯޒީގައި ފެނުނު ފަހު މެޗެވެ.

ޕީއެސްޖީން ފަހު ގޯލު ޖެހީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ގުޅިގެންނެވެ. އެ ގޮތުން، ޕީއެސްޖީގެ ބްރެޑްލީ ބަކޯލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، މި ލަނޑު ޖެހީ، ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލި ޕޯޗުގީސް ފޯވާޑް ގޮންޒާލޯ ރާމޯސް އެވެ.

މިއީ، ރެއާލްގެ ކޯޗުކަމާ ކްލަބް ވޯލްޑް ކަޕާ ދިމާކޮށް ހަވާލުވި، ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅުނު މެޗަކުން އެ ޓީމު ބަލިިވި ފުރަތަމަ ފަހަރެވެ.