10 ޖުލައި 2025 - 07:36 0
10 ޖުލައި 2025 - 07:36 0
މިއުނިކް (ޖުލައި 10) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ އަށް ލިބުނު ސީރިއަސް އަނިޔާއާގައި ވަކި ކުޅުންތެރިއަކު ޒިންމާ ނަގަން ޖެހޭ ކަމެއް ނެތް ކަމަށް ބުނެފި އެވެ.
ޕީއެސްޖީ 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި، އެ ކީޕަރު، ޑޮނަރުންމާގެ ގައި ދަށުވެ، މުސިއާލާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގައި އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ. ޕީއެސްޖީގެ ޑިފެންޑަރު، ވިލިއަން ޕަޗޯ އާއި މުސިއާލާ މެދުތެރެއަށް ވަދެ، ޑޮނަރުންމާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، މުސިއާލާ އަށް އަނިޔާވީ އެވެ.
ހަތަރެއް ނޫނީ ފަސް ވަރަކަށް މަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ މުސިއާލާ ބުނީ، މި ކަހަލަ ކަންކަން ފުޓްބޯޅައިގައި ހިނގާ ކަމަށެވެ. އޮޕަރޭޝަން ދިޔައީ ކާމިޔާބުކޮށް ކަމަށާއި ދެން އޭނާ އަށް އޮތީ ރަނގަޅަށް ރިކަވާވެގެން އަލުން ދަނޑަށް އައުމުގެ ދަތުރު ކެތްތެރިކަމާ އެކު ކުރިއަށްގެންދިއުން ކަމަށް މުސިއާލާ ވަނީ ބުނެފަ އެވެ.
"އަހަރެން ބޭނުން މި ކަމުގައި އެއްވެސް މީހަކު ކުށްވެރިކުރަން ނުޖެހޭ، މިއީ ފުޓްބޯޅައިގައި ހިނގާނެ ކަންކަން،" މުސިއާލާ، ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ޕީއެސްޖީ މެޗަށް ފަހު، ބަޔާންގެ ކީޕަރު، މެނުއަލް ނޯޔާ ބުނީ، ޑޮނަރުންމާ އެ ގޮތަށް ބޯޅަ ނެގީ ރިސްކު ނަގަން ނުޖެހޭ މިންވަރަށް ނަގައިގެން، އިދިކޮޅު ކުޅުންތެރިޔާ އަށް ފިޒިކަލީ ޗެލެންޖެއް ދޭ ގޮތަށް ކަމަށާއި އެކަމަކު، އެ ވަގުުތު ހާލަތު އޮތީ އެހެނެއް ނޫން ކަަމަށެވެ. އަދި، އެ ވާހަކަ ޑޮނަރުންމާ އަށް ވެސް ހިއްސާކުރި ކަމަށާއި އޭގެ ފަހުން، ޑޮނަރުންމާ ގޮސް، މުސިއާލާގެ ހާލު ބެލި ކަމަށް ނޯޔާ ވަނީ ބުނެފަ އެވެ.
މުސިއާލާ އަށް ލިބުނީ ސީރިއަސް އަނިޔާއެއްކަން އެނގުނު ވަގުތު، ޑޮނަރުންމާ އަށް ވެސް ޝޮކެއް ލިބި، ދަނޑުމަތީގައި އިށީނދެގެން ވެސް ވަގުތު ކޮޅެއް ވަންދެން ހުރިއިރު، ފުރަތަމަ ހާފަށް ފަހު، އޭނާ ދަނޑުން ފޭބިއިރު ވެސް ހުރީ ފެންކަޅިވެފަ އެވެ. ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، މެކްސް އާބަލް ވެސް ވަނީ ޑޮނަރުންމާ އަށް ފާޑުކިޔައިފަ އެވެ. އާބަލް ވިދާޅުވީ، މިއީ، ޑޮނަރުންމާ ގަސްދުގައި ކުރި ކަމެކޭ ނުބުނާ ކަމަށެވެ. އެކަމަކު، ފިޒިކަލީ އެ ވަގުތު ޑޮނަރުންމާ އަށް ބޭނުންކުރެވުނީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކަމަށް އާބަލް ފާހަގަކުރި އެވެ.
Comment