Advertisement

ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބޭ: ރައީސް މުއިއްޒު

8 ޖުލައި 2025 - 10:24 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބޭ: ރައީސް މުއިއްޒު

8 ޖުލައި 2025 - 10:24 1

ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

"ލިޔުންތެރިކަމަކީ އަމާނާތެއް. ލިޔުންތެރީންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވޭ. ހަމަ އެހެންމެ ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދޭ،" ރައީސް ވިދާޅުވި އެވެ.

ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަސްލަހަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

މިގޮތުން ދިވެހި ލިޔުންތެރީންގެ އުފެއްދުންތެރި ވިސްނުންތައް ދިވެހީންގެ ކަރާމަތާއި، ދިވެހި ގައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކޮށް، އެދެވަޑައިގަންނަވަނީ އާ ހިޔާލުތަކާއި، އާ ތަސައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެ، ލިިޔުންތެރިންގެ ދީނީ ގައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް ގައުމަށް މުހިންމުވެފައިވާ ކަމަށެވެ.

"ދީނީ ގޮތުން ބަލާއިރު، ދިވެހީންގެ އަގީދާ އާއި އަދަބު އަހުލާގު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ގައުމަށް ބޭނުންވޭ. އިޖުތިމާއީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އިގުތިސާދީ ދާއިރާއަށް ބަލާއިރު، އާ ފުރުސަތުތައް ތައާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމުވޭ. ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައި."

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، އަމިއްލަ ގައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަސްލަހަތު ހިފެހެއްޓުމުގެ ގައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރިންނަށް ކަމަށެވެ.

ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ގައުމާއި، އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކުކަމުގައި ވާން ޖެހެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.