Advertisement

"ބީއެމްއެލް މެދުވެރިވެގެން އެމްއެމްޕީއާރުސީ ހިޔާނަތް ހިންގިއިރު ޒިންމާވާން ޖެހޭ މީހާ މިއަދު ހުރީ އެމްޑީއަކަށް"

7 ޖުލައި 2025 - 11:41 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ma


"ބީއެމްއެލް މެދުވެރިވެގެން އެމްއެމްޕީއާރުސީ ހިޔާނަތް ހިންގިއިރު ޒިންމާވާން ޖެހޭ މީހާ މިއަދު ހުރީ އެމްޑީއަކަށް"

7 ޖުލައި 2025 - 11:41 3

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން ކަމަށާއި އޭރު އެކަމުގައި އިހުމާލުވި މީހަކު މަގާމުން ވަކިކުރުމުން މިއަދު ގެންގޮސް ލާފައި ހުރީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ އެޖެންޑާގައި އެސްއޯއީ ކޮމިޓީން ފޮނުވާފައިވާ އެމްއެމްޕީއާރުސީ އަދި އެމްއައިޓީޑީސީގެ ހާލާތު ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވަނީ މި ސަރުކާރުން ހިޔާނާތް ބަލަން ވައުދުވި ނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން 1.2 ބިލިއަން ރުފިޔާ ޖަމާވެގެންދިޔައީ. އޭރު އެކަމާ ޒިންމާވާން ޖެހޭ މީހާ މަގާމުން ވަކިކުރީމާއި މިއަދު ގެންގޮސް އެ ހުރީ ބޭންކުގެ މެނޭޖަރަކަށް ލާފައި. ދެން މި ބޭފުޅުންގެ ވައްކަން ފެށޭނެ ހިސާބެއް ވިސްނަވާ. މިއަދު ބޭންކުގެ އެމްޑީއަކަށް ލާފައި އެ ހުރީ އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކު ތެރެއިން ހުރިހާ ސަކަރާތެއް ޖެހި މީހާ،" ޣަފޫރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ތަކެއް މިހާރު އެ ކުންފުނީގެ އެމްޑީއަކަށް މިހާރު ހުންނެވި ޝަރީފަށް ކުރެވުނެވެ. އެ މައްސަލަ ބެލި މަޖިލީހުގެ ކޮމިޓީގައި އޭނާ އިންނެވި ކަމަށާއި އެކަމުގެ ލިޔެކިޔުން ވެސް އަތުގައި ހުރި ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ޝަރީފު ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަޖިލީހުން އެ މައްސަލަ ފުލުހުންނަށް ވެސް ފޮނުވި އެވެ. ނަމަވެސް ބޭންކުން އެކަން އޭރު ދޮގުކުރި އެވެ.

އެ ހިޔާނާތް ހިނގައިދިޔައީ ސީދާ ބީއެމްއެލްގެ އިހުމާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މެންބަރުން މިހާރު ވެސް މަޖިލީހުގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައްކަން ކުރެވޭނެހާ ހުރިހާ ގޮތްތަކެއް ހަދަމުން މި ސަރުކާރުން އެ ދަނީ. މި ސަރުކާރުގެ ވައުދެއް އެމްއެމްޕީއާރުސީ މައްސަލަ ބެލުމަކީ. ހިތްވަރެއް ހުރިއްޔާ ބަލާބަލަ. ބަލާފައި ރައްޔިތުންގެ ފައިސާއަށް އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްލަބަލަ،" ޣަޕޯ ވިދާޅުވި އެވެ.

ވައްކަމަކީ ބަލައިނުގަންނާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންގަ މައްސަލަތައް ކޮންމެ ސަރުކާރެއް އޮތަސް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުކެރޭނެ އެކަން ކުރާކަށް. ނުވާނެ އެކަމެއް، ގޮންޖަހާފައި މި ބުނަނީ އެކަމެއް ނުވާނެކަން. ވައްކަން ނޫން ކަމެއް މި ބޭފުޅުން ނުކުރައްވާ އިނގޭތޯ. ދައުލަތުގެ ފައިސާ ހަރާން ގޮތުގައި ކައި ހުސްކުރަމުން އެދަނީ."

ސަރުކާރުގައި ތިބީ ހުސް ވަގުން ކަމަށް ޣަފޫރު ތުހުމަތު ކުރެއްވި އެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލު ކުރާނަމަ ގިނަ މީހުންގެ އަތާއި ފައި ބުރިކުރަން ޖެހޭނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

"އަމިއްލައަށް ސައިކަލު ދުއްވާފައި އޮފީހަށް ދެވޭނެ މީހެއް މި ސަރުކާރުގައި ހުރި ކަމަށް ބުނާކަށް ނުކެރޭނެ. ވީލްބަރޯގައި ގެންގޮސް އޮފީސް ކުރިމައްޗަށް ވައްޓާލަން ޖެހޭނީ. ހަތަރެސްފައި ކެނޑީމާއި ދެން އަމިއްލައަކަށް ސައިކަލު ދުއްވާފައި ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.