Advertisement

އެމެރިކާ ބަލިކޮށް މެކްސިކޯ އިން 10 ވަނަ ފަހަރަށް ގޯލްޑް ކަޕް ކާމިޔާބުކޮށްފި

7 ޖުލައި 2025 - 07:51 0


އެމެރިކާ ބަލިކޮށް މެކްސިކޯ އިން 10 ވަނަ ފަހަރަށް ގޯލްޑް ކަޕް ކާމިޔާބުކޮށްފި

7 ޖުލައި 2025 - 07:51 0

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ފައިނަލުގައި 2-1 އިން އެމެރިކާގެ މައްޗަށް ކުރިހޯދައި، މެކްސިކޯ އިން 10 ވަނަ ފަހަރަށް ކޮންކަކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު މެކްސިކޯ އިން މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި މި ވަނީ، މެޗަކުން ބަލިނުވެ އެވެ. މެކްސިކޯ އަށް މޮޅުނުވެވުނު މެޗަކީ ގްރޫޕް ސްޓޭޖުގައި ކޮސްޓަ ރިކާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގަ އެވެ.

ހޫސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ރޭ 70،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗަށް މެކްސިކޯގެ ފޯވާޑް، ރައުލް ހިމެނޭޒް ނުކުތީ، 20 ނަމްބަރު، ޑިއޯޖޯ ޖޮޓާ ޖަހާފައިވާ ޖޯޒީއެއް ލައިގެންނެވެ. މިދިޔަ ބުދަ ދުވަހުގެރޭ ކާރު އެކްސިޑެންޓެއްގައި މަރުވި، ޖޮޓާ އަކީ ހިމެނޭޒާ އެކު، ވުލްވްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.

އަމިއްލަ ގައުމުގައި ކުޅުނު މައުރިސިއޯ ޕޮޗެޓީނޯ ކޯޗުކޮށްދޭ އެމެރިކާ އިން ހަތަރު ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ ކްރިސް ރިޗާޑް އެވެ. އެކަމަކު، މެޗުގެ 27 ވަނަ މިނިޓްގައި، ހިމެނޭޒް ވަނީ ލަނޑު ޖަހައި، މެކްސިކޯ އަށް އެއްވަރުކޮށްދީފަ އެވެ. ސެމީ ފައިނަލުގައި، މެކްސިކޯ އިން ހޮންޑިއުރަސް ބަލިކުރިއިރު ވެސް މެޗުގެ ހަމައެކަނި ލަނޑު ޖެހީ ހިމެނޭޒް އެވެ.

މެކްސިކޯ އިން މެޗުން މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، 77 ވަނަ މިނިޓްގައި، އެޑްސަން އަލްވަރޭޒް އެވެ.

މެކްސިކޯ އަކީ ގޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. ރޭގެ މެޗުން އެމެރިކާ މޮޅުވިނަމަ، މެކްސިކޯއާ އެއް ޓްރޮފީ އަށް ގާތަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ. އެމެރިކާ، މި ވަގުތަށް ބަލާއިރު، ގޯލްޑް ކަޕް ކާމިޔާބުކޮށްފައި އޮތީ ހަތް ފަހަރު އެވެ.