Advertisement

ހެކްސްޓާއާ ހަވާލުކުރި ކައުންސިލުތައް އަޅަން ސިއްރުން އާރުސީސީއަށް ދީފި، ފައިސާ ދެނީ ޑޮލަރުން

6 ޖުލައި 2025 - 11:57 2

އަމަން ހަލީމް

އަމަން ހަލީމް


ހެކްސްޓާއާ ހަވާލުކުރި ކައުންސިލުތައް އަޅަން ސިއްރުން އާރުސީސީއަށް ދީފި، ފައިސާ ދެނީ ޑޮލަރުން

6 ޖުލައި 2025 - 11:57 2

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްގެ ހަރަދުގައި ކައުންސިލް އޮފީސްތަކެއް އިމާރާތްކުރަން ހަވާލުކުރި އެއްބަސްވުން ބާތިލުކުރުމަށް ފަހު، އާންމުކޮށް އިއުލާނު ނުކޮށް އެ މަޝްރޫއު މި ސަރުކާރާ ގާތްގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކޮށްފި އެވެ.

ހެކްސްޓާގެ އަމިއްލަ ހަރަދުގައި އިމާރާތްކުރުމަށް ފަހު ސަރުކާރުން ފަހުން ފައިސާ ދައްކާ ގޮތަށް 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރިތާ ހަ މަސް ވެގެން ދިޔައިރު ވެސް އެ ކުންފުނީގެ ހަބަރެއް ނުވެގެން ލޯކަލް ގަވަމަންޓް މިނިސްޓްރީން މި އެއްބަސްވުން ބާތިލުކޮށްފައިވާކަން އަދަދު އަށް ވަނީ ކަށަވަަރުވެފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދެމުން ބުނީ، ހެކްސްޓާއާ ހަވާލުކުރި ކައުންސިލުތައް އަޅަން އާރުސީސީއާ ހަވާލުކުރީ އެއްބަސްވުން ބާތިލުކުރިކަން އެ ކުންފުންޏަށް އެނގިގެން، އެ މަޝްރޫއު ކުރިއަށް ގެންދަން އާރުސީސީގެ ހުށަހެޅުމެއް ލިބިގެން ކަމަށެވެ.

ހެކްސްޓާ އެއްބަސްވުން ބާތިލުކުރިކަން ސަރުކާރުން ހާމަނުކުރާ ތަނުގައި، އެކަހަލަ އަޑުތަކެއް ވެސް ނީވެނީސް މި މައުލޫމާތު އާރުސީސީއަށް ލިބުނީ ކިހިނެއްތޯ ސުވާލުކުރުމުން މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުނީ އޭނާއަށް އެ މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ނަމަވެސް ޖުމްލަކޮށް އެއްބަސްވެފައި ވަނީ ހެކްސްޓާއާ އެކީ ސޮއިކުރި ގޮތަށް މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އޭނާ ބުންޏެވެ. އަދި އެއްބަސްވުމުގެ ދަށުން އާރުސީސީއަށް ފައިސާ ދެނީ ވެސް ހެކްސްޓާއާ އެއްބަސްވީ ގޮތަށް ޑޮލަރުން ކަމަށް އޭނާ ބުންޏެވެ.

ކުރިން އޮތް ގޮތަށް އެއްބަސްވުމުގައި ސޮއިކުރި ނަމަ، ކައުންސިލު އިމާރާތްތައް އަޅަން ހިނގާނެ ކަމަށް ސަރުކާރުން ބުނެފައިވާ 36 މިލިއަން ޑޮލަރު ހަރަދުކުރާނީ އާރުސީސީންނެވެ. ސަރުކާރުން މި ތަންތަނަށް ފައިސާ ދައްކަން ޖެހޭނީ އެ ކުންފުނިން އިމާރާތްކޮށް ނިންމައި، ތަން ހަވާލުކުރާތާ ހަ މަސްދުވަސް ފަހުންނެވެ.

މިކަން ކަށަވަރުކުރަން މި ނޫހުން މެންބަރު ނާޒިމަށް ގުޅި އެވެ. އެކަމަކު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ މި ކަމުގައި އޭނާގެ ބަހެއް ނުލިބެ އެވެ. މި ނޫހުން ވާނީ މިކަމުގައި އޭނާގެ ބަހެއް ހިއްސާކޮށްދިނުމަށް މެސެޖެއްގެ ޒަރިއްޔާއިން އެދިފަ އެވެ.

ރަށްރަށުގައި އާ ކައުންސިލު އޮފީސްތައް އިމާރާތްކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަށެއްގައި ކައުންސިލުތައް އަޅާއިރު، އޭގެ ތެރެއިން 50 ތަނެއް އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ. މިހާރު އާރުސީސީއާ ހަވާލުކޮށްގެން މި އުޅެނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ ގޮތަށް އޮތް ބަޔެވެ.