Advertisement

ހެކްސްޓާ ގްލޯބަލްގެ ހަބަރެއް ނުވެގެން ކައުންސިލުތައް އިމާރާތްކުރުމުގެ އެއްބަސްވުން ބާތިލުކޮށްފި

6 ޖުލައި 2025 - 11:16 1

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް: އޭނާ ވަނީ ކުންފުނީގެ ސައްހަކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް


ހެކްސްޓާ ގްލޯބަލްގެ ހަބަރެއް ނުވެގެން ކައުންސިލުތައް އިމާރާތްކުރުމުގެ އެއްބަސްވުން ބާތިލުކޮށްފި

6 ޖުލައި 2025 - 11:16 1

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއިން އެ ކުންފުނީގެ ހަރަދުގައި އަޅާފައި ފަހުން ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަވާލުކުރި 55 ރަށެއްގެ ކައުންސިލު އިދާރާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން އެ ކުންފުނީގެ އެއްވެސް ހަބަރެއް ނުވެގެން އެއްބަސްވުން ބާތިލުކޮށްފި އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ނަން ނުޖަހާ ގޮތަށް އަދަދު އާ ވާހަކަ ދައްކަމުން ބުނީ، އެއްބަސްވުން ބާތިލުކުރަން ޖެހުނީ މަޝްރޫއުގެ މަސައްކަތް ކުރަން ސޮއިކުރި ފަހުން އެ ހެކްސްޓާ އިން އެއްވެސް މުއާމަލާތެއް ނުކުރާތީ ކަމަށެވެ.

ހެކްސްޓާގެ އެއްބަސްވުން ބާތިލުކުރުމާ ގުޅޭ މައުލޫމާތު އިތުރަށް ސާފުކުރަން ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފަށް ގުޅިއިރު، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

މި އެއްބަސްވުން ބާތިލުކުރިއިރު، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން ވެސް، މި މަޝްރޫއާ މެދު އެތައް ބަޔަކު ސުވާލު އުފެއްދި އެވެ. މި ސުވާލުތަކުގެ އަސްލަކަށްވީ، ކައުންސިލުތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި، ހެކްސްޓާ ގްލޯބަލްގެ އެއްވެސް ހިއްސާއެއް ނުވާ، އެންމެ ދިވެހި ހިއްސާދާރެއް ހުންނަ ހެކްސްޓާ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ސޮއިކުރުމުންނެވެ.

ކައުންސިލް އިމާރާތްތައް އަޅަން ހަވާލުކުރީ މެލޭޝިއާ ކުންފުންޏާތޯ މީހުން ސުވާލު އުފައްދަން ފެށުމުން އާދަމް ޝަރީފް ވަނީ އެ ކަންބޮޑުވުންތަކުގައި އަސްލެއް ނެތް ކަމުގެ ޔަގީންކަންދީ، މަސައްކަތް ކުރާނީ މެލޭޝިއާ ކުންފުނިން ކަމަށް ބުނެފަ އެވެ. އަދި، ދިވެހި ކުންފުނީގެ ހިއްސާދާރު އެ އެއްބަސްވުމުގައި ސޮއިކުރީ މެލޭޝިއާ ކުންފުނިން ޕަވާ އޮފް އެޓާނީ ދީފައި އޮތުމުން ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

އާދަމް ޝަރީފް އޭރު ވިދާޅުވި ގޮތުން ނަމަ މަސައްކަތް ހަވާލުކުރަން ނިންމީ، އެ ކުންފުނީގެ ހުށަހެޅުން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ.

"[އިކޮނޮމިކް ކައުންސިލުން] އެ ކުންފުނީގެ ޑިއު ޑިލިޖެންސް ވެސް ހައްދަވައި, އެއާ އެކީގައި ކިހާ ވަރެއްގެ ޕޮޓެންޝަލް އަދި އެ ބޭފުޅުންގެ އެ ސްޓްރެންތު ހުރި ބައެއްތޯ ބެއްލެވުމަށް ފަހުގައި, އަޅުގަނޑުމެންނަށް ފުރުސަތު ދެއްވީ އެ ބޭފުޅުންނާއެކީ މަޝްވަރާކުރުމުގެ ފުރުސަތު ކުރިއަށް ގެންދަން," މިދިޔަ ފެބްރުއަރީ 20، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ހެކްސްޓާއިން 36 މިލިއަން ޑޮލަރު އަމިއްލަ ފައިސާއިން ހަރަދުކޮށްގެން އިމާރާތްކުރާ ކައުންސިލުތަކުގެ މަޝްރޫއަކީ އޭޕްރީލްގައި މަސައްކަތް ފަށާ، 2028 އަށް ނިންމާލާ ގޮތަށް އެއްބަސްވި މަޝްރޫއުއެކެވެ. އަދި ފައިސާ ދައްކަން ފަށާ ގޮތަށް އޮތީ މަސައްކަތް ނިމޭތާ ހަ މަސް ފަހުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފާ މައި ޕްރޮޖެކްޓެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަަށެއްގައި މުޅިން އާ ކައުންސިލު އިމާރާތްތައް ތަރައްގީކުރެވިގެން ދާއިރު، އޭގެ ތެރެއިން 50 ކައުންސިލު އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.

ހެކްސްޓާއާ ހަވާލުކުރުމަށް ފަހު ބާތިލުކުރި އެއްބަސްވުމުގައި ހިމެނޭ 55 ކައުންސިލު އިމާރާތަކީ، ސަރުކާރު ހަރަދުގައި އިމާރާތްކުރާ ގޮތަށް ހަމަޖެއްސި ކޮމްޕޯނަންޓެވެ.