Advertisement

ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަނުކުރާތާ ތިން މަސްދުވަސް ވަނީ

6 ޖުލައި 2025 - 10:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަނުކުރާތާ ތިން މަސްދުވަސް ވަނީ

6 ޖުލައި 2025 - 10:57 0

ހާމަކޮށް ބޮޑުކޮށް ސަރުކާރު ހިންގަން ކަމަށް ބުނެ ރައީސް އޮފީހުން އައު ވެބްސައިޓެއް ހަދައި، ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ފެށުމަށް ފަހު، އެކަން ހުއްޓިފައި އޮންނަތާ ތިން މަސް ވާން ގާތް ވެއްޖެ އެވެ.

ކެބިނެޓުގެ ނިންމުންތައް އާންމުކުރަން ހެދި ވެބްސައިޓު އެންމެ ފަހުން އަޕްޑޭޓުކޮށްފައިވަނީ އޭޕްރީލް 13، ގަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ފޮޓޯ ގެލެރީއެއް ވެސް އެންމެ ފަހުން އަޕްލޯޑުކޮށްފައިވަނީ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވި ބައްދަލުވުމެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ވެބްސައިޓު އަޕްޑޭޓު ކުރަމުން ދާނެ ކަމަށާއި ބެލެވޭ ގޮތުގައި އަޕްޑޭޓު ނުވެ ހުންނަނީ ބައްދަލުވުންތަކުގައި ހާމަކުރަން ޖެހޭ ވަރުގެ ނިންމުމެއް ނުނިންމާތީ ކަމަށެވެ.

ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި ހަބަރުތަކުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން އެނގޭ ގޮތުގައި އޭގެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ވެސް މުހިންމު އެކި ނިންމުންތައް ނިންމާފައިވެ އެވެ.

އޭގެތެރެއިން އެންމެ ފަހުން ފާހަގަކޮށްލެވުނީ ރަށުގެ އާބާދީގެ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ނުކުރާ ނަމަ އެ ރަށެއްގެ އެންމެނަށް ފައިސާގެ އިނާޔަތެއް ދޭން ސަރުކާރުން ވިސްނަމުންދާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ޖޫން 24، ގައި ކުރެއްވި ޕޯސްޓެވެ.

އެ ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ސްމޯކް ފްރީ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދިނުމާމެދު ދިރާސާއެއް ހެދުމަށް އެ ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ ފޮޓޯއެއް އަދި ނިންމުންތަކުގެ ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ކުރީކޮޅާ އަޅާބަލާއިރު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވާ އަދަދު ވެސް ވަނީ މަދުވެފަ އެވެ. ކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ މި ނޫހަށް އެކަން ޔަގީންކޮށްދީފަ އެވެ.

ސަރުކާރުގެ ފުރަތަމަ ކޮޅު ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ވަޒީރުންގެ މަޖިލީހުން ބައްދަލުކުރި ނަމަވެސް މި ފަހުން ރައީސް އާދިތައް ދުވަސްތަކުގައި ރައީސް މުއިއްޒު މާލޭގައި ނުހުންނަވާކަން ބައެއް އޮފިޝަލުން ވިދާޅުވެ އެވެ.