2 ޖުލައި 2025 - 14:20 0
2 ޖުލައި 2025 - 14:20 0
މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަލާ ހެރިސްއަށް ފައިދާވާ ގޮތަށް އިންޓަވިއުއެއް ދެއްކި ކަމަށް ބުނެ ސީބީއެސްއާ ދެކޮޅަށް މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ނިންމައިފި އެވެ.
ސީބީއެސްގެ މައި ކުންފުނި ޕެރަމައުންޓް ނެޓްވޯކުން ޓްރަމްޕަށް ބަދަލުގެ ގޮތުގައި 16 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޓްރަމްޕް މި މައްސަލަ ކޯޓަށް ވެއްދީ 10 ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ. އޭގެ ފަހުން އެ އަދަދު 20 ބިލިއަން ޑޮލަރަށް ބޮޑުކުރި އެވެ.
ސީބީއެސްއިން ގެނެސްދޭ "60 މިނިޓްސް" ގައި ހެރިސްގެ އިންޓަވިއުގެ ދެ ވާޝަނެއް ގެނެސްދިނެވެ. އޭގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅޭގޮތުން އޭނާ ދިން ޖަވާބު ތަފާތެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ރިޔާސީ ރޭހަށް ވާދަކުރާ ކެންޑިޑޭޓުންނާ އެކު ކުރާ އިންޓަވިއުތަކުގެ ޓްރާންސްކްރިޕްޓް އާންމުކުރަން ސީބީއެސްއިން ވަނީ ނިންމާފަ އެވެ.
ޓްރަމްޕް ގެންދަވަނީ އެމެރިކާގެ މީޑީއާތަކަށް އަމާޒުކޮށް ކޯޓަށް ގިނަ މައްސަލަތަކެއް ހުށަހަޅަމުންނެވެ. ވެރިކަމަށް ކުރެއްވި ކެމްޕޭނުގެ ތެރޭގައި ސީބީއެސްގެ ލައިސެންސް ބާތިލު ކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ.
Comment