Advertisement

ސާޖިދާގެ ބޮޑީ ލެންގުއޭޖަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ

2 ޖުލައި 2025 - 13:22 8

އަހުމަދު އާއިދު

އަހުމަދު އާއިދު

ސިންގަޕޫރުގެ ފަސްޓް ލޭޑީ އާއެކު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު: މި ދަތުރުގައި ސާޖިދާގެ ބޮޑީ ލެންގުއޭޖަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ ---- ފޮޓޯ: ރައީސް އޮފީސް


ސާޖިދާގެ ބޮޑީ ލެންގުއޭޖަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ

2 ޖުލައި 2025 - 13:22 8

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ބޮޑީ ލެންގުއޭޖަށް ގިނަ ބައެއްގެ ސަމާލުކރަން ލިބިއްޖެ އެވެ.

ސަރުކާރުގެ ބޮޑު ވަފުދަކާއެކު ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ބުދަ ދުވަހު އެވެ. ސިންގަޕޫރުގެ އެއާޕޯޓުން ރައީސްގެ ދެ ކަނބަލުންނަށް އެ ގައުމުގެ އިސް އޮފިޝަލުން މަރުހަބާ ދެންނެވި ވީޑިއޯ ރައީސް އޮފީހުން އާންމުކުރާއެކު ގިނަ ބައެއްގެ ސަމާލުކަމަށް އައީ ސާޖިދާ އެވެ.

ދައްކާ ވާހަކައިގެ އަޑު ނީވޭ އެ ވީޑިއޯގައި ސާޖިދާ، ސިންގަޕޫރުގެ އިސް އޮފިޝަލުންނާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވިއިރު އަތުގެ ހަރަކާތް ގެންގުޅުއްވި ގޮތާއި ޖުމްލަ ބޮޑީ ލެންގުއޭޖުގައި ޕްރޮފެޝަނަލްކަން ނެތްކަން ބައެއް މީހުން ވަނީ ފާހަގަކޮށްފަ އެވެ.

"ހަށީގައި ހަރުލާފައި ހުންނަ މިފަދަ އާދަތަކަކީ އެހާ ފަސޭހައިން ފިލާނެ އާދަތަކެއް ނޫން. ދެން ރުޅި އަންނާނީ އެކަންކަން ރަގަޅުކުރަން ބުނާ މީހުން ދެކެ،" އެކަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

އެ ޕޯސްޓަށް އިތުރު މީހަކު ދީފައިވާ ރިޕްލައި އެއްގައި ބުނެފައިވާ އެހެން ގައުމުތަކުގެ އިސް އޮފިޝަލުން ނުވަތަ ޑިޕްލޮމެޓުންނާ ވާހަކަދައްކާއިރު "އަތްއުކައިގެން" ވާހަކަ ދެއްކުމަކީ ވަރަށް ދަށުދަރަޖަ އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ.

"ސިންގަޕޫރު މީހުން ވެސް އެތިބީ ހައިރާންވެފަ. އެމީހުންނާއި އަދި ދިމައެއްނުވޭ މިވަރުގެ ފަސްޓް ލޭޑީއަކާ. ހީވަނީ ކުލާސްމޭޓުންގެ ބަޔަކާއި ނޫނީ ގޭދޮށު ރައްޓެހިންގެ ބަޔަކާ ދިމާވެގެން އުޅޭހެން. އަތްހޫރަ ހޫރާފަ ކީކޭ ސާޖިދާ މިކިޔަނީ،" ކާކުކަން ނޭނގޭހެން ހިންގާ އެކްސް އެކައުންޓަކުން އެ ވީޑިއޯ ހިއްސާކޮށް ޕޯސްޓުކޮށްފައިވެ އެވެ.

ސާޖިދާގެ އަދަބު އަހުލާގާމެދު ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ. މި ވާހަކަތައް ފާހަގަކޮށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތައް އަހުލާގީ މިންގަނޑަށް ނުފެތޭތީ ހިމަނާ ނުލެވުނަސް، ޖުމްލަ ރޫހު ހުރީ ސާޖިދާގެ އަމަލުތަކާމެދު ލަދުވެތިވާ ކަން ފާހަގަކުރުމަށެވެ.

ރައީސް އޮފީހުން ދެން އާންމުކުރީ ރައީސްގެ ދެ ކަނބަލުން ސިންގަޕޫރުގެ ރައީސް ތަރުމަންގެ ދެ ކަނބަލުންނާއި އެކު ބޭއްވި ބައްދަލުވުމެއްގެ ވީޑިއޯ އެވެ. އެގޮތުން، ބައްދަލުވުމުގެ ކުރިން ދެ ގައުމުގެ ފަސްޓް ކަޕްލް ސަލާންކުރި ވީޑިއޯ ވަނީ އެތައް ބަޔަކު ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯ އާ ގުޅިގެން އާންމުން ފާހަގަކޮށްފައިވަނީ، ސިންގަޕޫރުގެ ފަސްޓް ލޭޑީ އާއި ސަލާމް ކުރަން ސާޖިދާ އަތް ދިއްކުރުމުން އޭނާ ސަލާމް ނުކޮށް ރައީސް މުއިއްޒު އާއި ސަލާމްކުރި ވީޑިއޯ އެވެ. މިއިން ދޭހަވަނީ ސަރުކާރުގެ އޮފިޝަލުން ސާޖިދާއަށް ޕްރޮޓޮކޯލްތައް ދަސްކޮށްދޭން ޖެހޭ ކަން ކަމަށް ބައެއް މީހުން ފާހަގަ ކުރި އެވެ.

"އެކަމަކު ދޯ. މިވަރު ދެން ތަންފުކެއް ބޮޑުވަރު. އަސްލުވެސް ލަދުން ބޯ ހަލާކު،" އެ ވީޑިއޯއަށް ރިޕްލައި ކުރި މީހަކު ލިޔެފައިވެ އެވެ.

ރައީސްގެ ދެ ކަނބަލުންނަށާއި ވަޒީރުންނަށް އަދި ސަރުކާރުގެ ވެރިންނަށް ޑިޕްލޮމެޓުންނާއި އެހެން ގައުމުތަކުގެ ވެރިންނާމެދު ކަންކުރަން ޖެހޭ ގޮތް ކިޔައިދިނުމަކީ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލް އޮފިޝަލުންގެ ޒިންމާއެއްކަން ވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ސިންގަޕޫރުގެ ފަސްޓް ލޭޑީ އާއެކު ހިންގަވަމުން ގޮސް އޭނާގެ ކޮނޑުގައި ސާޖިދާ ޖެހޭ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ދަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން ވެސް އާންމުކޮށް ކިޔާފައިވާ ފާޑުކިޔުންތައް ގިނަ ބަޔަކު ވަނީ ތަކުރާރުކޮށްފަ އެވެ. އެކްސްގެ އިތުރުން ފޭސްބުކާއި ޓިކްޓޮކް ގައި ވެސް މި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުގެ އޮފިޝަލުންނާއި ޕީއެންސީގެ އެކްޓިވިސްޓުން އަދި އާންމުންގެ ބަޔަކު ދަނީ ފަސްޓް ލޭޑީ ދިފާއުކޮށް ވެސް ގިނަ ޕޯސްޓުތަކެއް ކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި މި ފާޑުކިޔުންތަކާއި ކަންބޮޑުވުންތަކަކީ ސިޔާސީ ދެބަސް ވުމުގެ ތެރެއިން ކުރާ ފުރައްސާރަ އެވެ.

"ކަލޭމެން ތާއީދު ކުރާ މީހުންގެ އަނބިންގެ ގައިގަ ތަންތަނަށް ގޮސް ވާހަކަ ދެއްކުމުގެ ގާބިލުކަން ނެތުން އެއީ މެޑަމް ސާޖިދާގެ މައްސަލައެއްތަ؟" ޕީއެންސީގެ އެކްޓިވިސްޓަކު، ފާޑުކީ މީހެއްގެ ޕޯސްޓަށް ރައްދު ދީ ލިޔެފައިވެ އެވެ.

އެ މީހުން ބުނާ ގޮތުގައި ސާޖިދާ ވާހަކަދައްކަވަނީ އަދި ބޮޑީ ލެންގުއޭޖް ގެންގުޅުއްވަނީ "ނެޗުރަލް" ކޮށެވެ. އެކަމާ ފާޑުކިޔަނީ ހަޖަމް ނުވާ މީހުން ކަމަށް ވެސް ތަކުރާރުކޮށް ޕީއެންސީގެ އެކްޓިވިސްޓުން މިދިޔަ ދެތިން ދުވަހު ބުނަމުން ގޮސްފައިވެ އެވެ.