Advertisement

ރާމޯސްގެ މޮންޓެރޭ ކަޓުވާލައި ޑޯޓްމަންޑް ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ އަށް

2 ޖުލައި 2025 - 08:03 0


ރާމޯސްގެ މޮންޓެރޭ ކަޓުވާލައި ޑޯޓްމަންޑް ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ އަށް

2 ޖުލައި 2025 - 08:03 0

ޖޯޖިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 2) - ސާޖިއޯ ރާމޯސްގެ ކެޕްޓަންކަމުގައި ކުޅޭ މެކްސިކޯގެ މޮންޓެރޭ 2-1 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި، ބޮރޫޝިއާ ޑޯޓްމަންޑުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ކުއާޓާ ފައިނަލުގައި، ޑޯޓްމަންޑުން ބައްދަލުކުރާނީ ރޭ ޔުވެންޓަސް ކަޓުވާލުމަށް ފަހު، މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ހޯދި ރެއާލް މެޑްރިޑާ އެވެ.

މަސެޑީސް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 24 މިނިޓް ތެރޭގައި ޑޯޓްމަންޑުން ދެ ގޯލު ޖެހި އެވެ. އެ ގޮތުން، އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް، ސޭހޫ ގިރާސީ އެވެ. ގިނީ ގައުމީ ޓީމަށް ކުޅެމުން އަންނަ ގިރާސީ، ފުރަތަމަ ގޯލު ޖެހީ، 14 ވަނަ މިނިޓްގަ އެވެ. އަދި، ދެ ވަނަ ލަނޑު ޖެހީ އޭގެ 10 މިނިޓް ފަހުންނެވެ.

މޮންޓެރޭ އިން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި، ދެ ވަަނަ ހާފު ފެށިގެން ތިން ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، މެޗުގެ 48 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، ޖާމަން ބެޓަރާމޭ އެވެ.

ތިން ވަނަ ލަނޑެއް ޖަހައި، ހެޓްރިކެއް ފުރިހަމަ ކުރަން ގިރާސީ އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފިދިޔައިރު، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ދެ ވަަނަ މިނިޓްގައި، މޮންޓެރޭގެ ރާމޯސް ކުރިއަށް ޖެހި ބޮލުން ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ.

ކުއާޓާ ފައިނަލަށް މޮންޓެރޭ ދިޔަނަމަ، ރާމޯސް އަށް ކުރީގެ ކްލަބް، ރެއާލާ ދެކޮޅަށް ކުޅެން ފުރުސަތު ލިބޭނެ އެވެ. އެކަމަކު، ބަލިވުމުން އެ ދޮރު ބަންދުވީ އެވެ. އަނެއްކޮޅުން، ޑޯޓްމަންޑްގެ ޖޯބޭ ބެލިންހަމް އަށް މި މެޗުގައި ދެއްކި ރީނދޫ ކާޑާ އެކު، ކުއާޓާ ފައިނަލް މެޗަށް ސަސްޕެންޑްވުމުން، އޭނާގެ ބޭބެ، ރެއާލްގެ ޖޫޑް ބެލިންހަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ގެއްލުނީ އެވެ.

ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް

ފްލުމިނެންސޭ - އަލް ހިލާލް

ޕަލްމެއިރާސް - ޗެލްސީ

ޕީއެސްޖީ - ބަޔާން މިއުނިކް

ރެއާލް މެޑްރިޑް - ޑޯޓްމަންޑް