Advertisement

ޗައިނާގެ މަގްބޫލު ވެބްސައިޓުތަކުން ކުރާ ވިޔަފާރިން ބޮޑު ފީއެއް ނަގާ މައްސަލަ އެމްބެސަޑަރުގެ ސަމާލުކަމަށް އައިސްފި

1 ޖުލައި 2025 - 11:33 4


ޗައިނާގެ މަގްބޫލު ވެބްސައިޓުތަކުން ކުރާ ވިޔަފާރިން ބޮޑު ފީއެއް ނަގާ މައްސަލަ އެމްބެސަޑަރުގެ ސަމާލުކަމަށް އައިސްފި

1 ޖުލައި 2025 - 11:33 4

ދިވެހިން އެންމެ ގިނައިން ވިޔަފާރި ކުރާ ވެބްސައިޓުތަކުން ކުރާ ކޮންމެ މުއާމަލާތަކަށް 30 ޕަސެންޓުގެ ބޮޑު ފީއެއް ނަގަން ބޭންކް އޮފް މޯލްޑިވްސް އިން ނިންމި މައްސަލަ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރު ކޮންގް ޝިއަންހުއާގެ ސަމާލުކަމަށް އައިސްފި އެވެ.

ބީއެމްއެލް އިން ފީއެއް ނަގަން ނިންމީ ހަ ވެބްސައިޓަކުން ކުރާ ކޮންމެ މުއާމަލާތަކުންނެވެ. ފީ ނަގާނީ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުންނެވެ. ފީ ނަގާނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ވިޔަފާރިތަކުންނެވެ. އޭގެ ތެރެއިން އީބޭ ފިޔަވައި ދެން ހުރި ވެބްސައިޓުތަކަކީ ޗައިނާ ވެބްސައިޓުތަކެވެ.

އެފަދަ ފީއެއް ނެގުމަކީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމަންޓުގެ ދަށުން ހުއްދަ ކަމެއްތޯ ސުވާލު އުފައްދައި އެކްސްގައި މީހަކު ކުރި ޕޯސްޓެއްގެ ޖަވާބުގައި އެމްބެސަޑަރު ކޮންގް ވިދާޅުވީ، އެކަން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފީ ނަގަން ފެށުމުން އާންމުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުމެއް ބޭންކަށް ވަނީ އަމާޒުވެފަ އެވެ.

"ވަރަށް ސާފު ބޮޑުވެގެންވާ ސްކޭމެއް، ކީއްވެގެންތަ ނުސީދާކޮށް ޑޮލަރު ރޭޓު އެ ކަނޑައެޅީ ބޭންކުން، ޑޮލަރެއް ބޭންކު ރޭޓުގައި 15.42ރ. ދެން އެ ބުނާ 30 ޕަސެންޓެއް ނެގީމަ 20ރ. މިއީ ކިހިނެއް ވާކަމެއް، ބްލެކް މާކެޓުގައި އިން ވަރަށްވުރެ ވެސް ބޮޑުކޮށް މި ވިއްކަނީ ބޭންކުން ޑޮލަރު،" ފާތިމަތު އަރޫޝާގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ބުނެފައިވެ އެވެ.

ފީ ނަގަން ފެށުމުން، ފީ ނަގާ ވެބްސައިޓުތަކުން ކުރާ ވިޔަފާރިތަކުގައި ޑޮލަރެއް ޖެހޭނީ 20 ރުފިޔާއަށެވެ. ފީ ނަގަން ފަށަނީ މިއަދުން ފެށިގެންނެވެ. ބޮޑު ފީއެއް ނަގަން ޖެހެނީ ޑެބިޓް ކާޑުތަކަށް ހަމަޖައްސާފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓުގެ ބޭނުން ނާޖާއިޒު ގޮތުގައި ނަގާތީ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބޭންކުން ބުނަނީ ބޭރުގެ ޓްރާންސެކްޝަންތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަ ކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ ފިޔަވަޅު އެޅި ވެބްސައިޓުތަކުން ކުރާ ވިޔަފާރި ކަމަށް ބޭންކުން ބުނެ އެވެ. ޓީމޫ އިން އެކަނި ވެސް މަހަކު ހަތް މިލިއަން ޑޮލަރުގެ ވިޔަފާރި ދިވެހިން ކުރާ ކަމަށް ބޭންކުން ބުނެ އެވެ.