30 ޖޫން 2025 - 10:01 0
މުހައްމަދު ޝަހްޒާން
ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް މަޖިލީހުގައި ވާހަކަދައްކަވަނީ: އޭނާ މިފަހުން މަޖިލީހަށް ހުށަހެޅުއްވި ހުރިހާ ކުއްލި މައްސަލަތައް ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
30 ޖޫން 2025 - 10:01 0
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ މީހުންނާ އެކު މި ޖޫން މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް ފްލެޓު ލިބޭ އެއްވެސް މީހަކާ އެކު އެއްބަސްވުމުގައި ސޮއިނުކޮށް ލަސްކުރަމުން ދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން ބޭރުކޮށްލީ އެއީ ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށް ބުނެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ހ. ގައި ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމެއް ދިމާވީ ކުއްލިއަކަށް ކަމަށް ވާންވާނެ ކަމަށް ބަޔާން ކޮށްފައިވޭ، އެގޮތުން ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާން ކޮށްފައިވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިއްޒަތްތެރި މެންބަރު ފޮނުއްވި މައްސަލައިގައި މި ދެންނެވި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ކަމަށް ދަންނަވަން،"
ކުއްލި މައްސަލައެއްގެ ގޮތުގައި ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ އަތުން އެ ފްލެޓުތައް އަތުނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، ރިޔާސީ ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ.
ނަމަވެސް ވެރިކަމަަށް ވަޑައިގަތުމަށްފަހު އެކިއެކި ސަބަބުތައް ދައްކައި ފްލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލު ކޮށްފައި ނުވާކަން ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.
ފްލެޓު ލިސްޓު ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަނީ ކަމަށް ބުނެ އެތައް ދުވަހެއް އެ މަސައްކަތުގައި ވޭތުކޮށްލުމަށްފަހު، ފްލެޓު ލިބޭ މީހުންގެ ގޮތުގައި ބަލާނީ މިދިޔަ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި ނެރެފައި އޮތް ލިސްޓަށް ކަމަށް މިދިޔަ މެއި 25، ގައި މުއްތަލިބު ވިދާޅުވިކަން ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.
މެއި 25، ގައި މި ސަރުކާރުން ނިންމި ނިންމުމުން، މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓު ލިސްޓުގައި މައްސަލައެއް ނެތްކަން ރައްޔިތުންނަށް އެނގި ހާމަވެފައިވާ ކަމަށް ވެސް ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.
އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާތީ ކުޑޫ ހުށަހެޅުއްވީ ފްލެޓު ދިނުން ލަސްވެފައިވާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރުމަށެވެ.
Comment