29 ޖޫން 2025 - 14:53 1
މުހައްމަދު ޝަހްޒާން
ކޮލަމާފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން
29 ޖޫން 2025 - 14:53 1
ގއ. ވިލިނގިލިން އެ އަތޮޅު ކޮލަމާފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ދަފުތަރު ނަންބަރު، ރސ5268، މުހައްމަދު ތާހާ، 36 ކަމަށެވެ. އޭނާ ހައްޔަރު ކުރީ އަމިއްލަ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާ ކޮށްގެން ކޮލަމާފުށްޓަށް އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރީ ވިލިނގިލީ ބަނދަރު ސަރަހައްދުގައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. އެނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ކޮތަޅުތަކެއް ރައްކާ ކޮށްފައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 20 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Comment