30 ޖޫން 2025 - 09:27 4
ލީވާން އަލީ ނާސިރު
ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން މަރުވި ކުއްޖާގެ ފޮޓޯއެއް ހިފައިގެން: އެ ކުއްޖާ މަރުވީ ފެހުރިހި ބަލަން ގޮސް އުޅުނު ދޯނީގެ ބުރަފަތީގައި ޖެހިގެން ---
30 ޖޫން 2025 - 09:27 4
މިދިޔަ އަހަރުގެ ނޮވެމްބަރު 8، ގައި އދ. ދިގުރަށް ކައިރީގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތިން ޖެހި ލިބުނު ބޮޑެތި ޒަހަމްތަކާއެކު މަރުވި ސިންގަޕޫރުގެ ޖެނާ ޗަން، 15 ގެ އާއިލާއިން، އޭނާގެ މަރުގެ ތަހުގީގު އަމިއްލައަށް ހިންގަން ނިންމައިފި އެވެ.
ފުލުހުން ބުނީ ފެހު ރިހި (ވޭލް ޝާކު) ރިސާޗެއް ހަދަން ރާއްޖެ އައިސް އުޅުނު ސިންގަޕޫރްގެ ޓީމެއްގައި ހިމެނޭ އެ ކުއްޖާ ދޯނީގެ ބުރަފަތީގައި ޖެހުނީ ސްނޯކްލިންއަށް މޫދަށް ފުންމާލި ވަގުތު ކަމަށެވެ. އެ ކުއްޖާ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ޖޭނާގެ އާއިލާއިން އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓައިމްސް އަށް ބުނީ ޖެނާ މަރުވި ގޮތް އެނގެން ބޭނުންވާ ކަމަށާއި އޭނާގެ މަރަށް އިންސާފު ބޭނުންވާ ކަމަށެވެ.
"އަހަރުމެން ބޭނުންވަނީ ޖެނާ މަރުވި ގޮތް ދެނެގަންނަން. އިންސާފެއް ނުލިބޭ. އަހަރުމެން މަސައްކަތް ކުރަން ޖެހިފައި މިވަނީ އަމިއްލައަށް،" އޭނާ ބުންޏެވެ.
ޖެނާގެ އާއިލާއިން ބުނީ ދިވެހި ފުލުހުން ހިންގަމުންދަނީ ފުރިހަމަ ތަހުގީގެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ޖެނާއާއެކު ސްނޯކްލިންއަށް ދިޔަ ކުދިންނާ ހަވާލާދީ އާއިލާއިން ބުނީ ޖެނާ މޫދަށް ފުންމާލީ ޑޮލްފިން ފެނިގެން ގައިޑުން ދިން އިރުޝާދާއެކު ކަމަށެވެ.
ޖެނާގެ އާއިލާއިން ވަނީ މިދިޔަ މާޗު މަހު ރާއްޖެއަށް އައިސް ހޮސްޕިޓަލް ސްކޭންތައް ހޯދައި އަމިއްލައަށް ތަހުލީލުކޮށްފަ އެވެ. މިގޮތުން ސާޖަންއެއް ގޮތުގައި މަސައްކަތްކުރާ ޖޭންގެ މަންމަ ޖެނިފާ ބުނީ ޖޭންއަށް ލިބުނީ ބޮޑެތި ޒަހަމްތަކެއް ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން ބޯޓުން ދަތުރުކުރި ޓީޗަރުންގެ ބަހެއް ހޯދުމަށް އާއިލާއިން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
ޖެނާގެ މަރަށް އިންސާފު ހޯދައިދިނުމަށް އާއިލާއިން ވަނީ ފަންޑްރައިޒް ވެސް ކުރަން ފަށައިފަ އެވެ. ފައިސާ އެއްކުރަމުންދަނީ ގާނޫނީ ވަކީލެއް ރާއްޖެއިން ނެގުމަށެވެ. މިހާތަނަށް 6،595 ޕައުންޑު ވަނީ ފަންޑްރައިޒް ކުރެވިފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ޖެނާގެ މަރުގެ މައްސަލައާ ގުޅިގެން ލިޔެކިޔުންތައް ފުރިހަމަކޮށް ޖޫން 22، ގައި ޕީޖީގެ މަޝްވަރާއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ގުޅިގެން ފުލުހުން ސިންގަޕޫރަށް ގޮސް އާއިލާއާ މައުލޫމާތު ހިއްސާކުރި ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ސިންގަޕޫރަށް ގޮސް ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ބައެއް ދަރިވަރުންނާ އިންޓަވިއުކޮށް މައުލޫމާތު ނަގައިފަ އެވެ.
Comment