ބެންކޮކް، ތައިލޭންޑް (ޖޫން 28) - ތައިލޭންޑްގެ ބޮޑުވަޒީރު ޕެއިތޮންތާން ޝިނަވަޓްރާގެ އިސްތިއުފާއަށް ގޮވާލައި އެ ގައުމުގެ ބޮޑެތި މުޒާހަރާއެއް ބާއްވައިފި އެވެ.
މިއީ 2023 ވަނަ އަހަރު ވެރިކަމަށް އައި ޕެއިތޮންތާންގެ ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ. ބެންކޮކަށް ވެހުނު ބޯ ވާރޭގެ ތެރޭގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ މިވަގުތު އޮތް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފަ އެވެ.
މި މުޒާހަރާ ކުރީ ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދު އޮތް ބޯޑަރުގެ މައްސަލައެއްގައި އަސްކަރިއްޔާއިން އަމަލު ކުރި ގޮތާ ގުޅިގެން ބޮޑުވަޒީރު ފާޑުވިދާޅުވުމުން ކުރަމުން އަންނަ މުޒާހަރާތަކެކެވެ.
އެއީ ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހަން ސަންއާ ދެމެދު ކުރެވުނު ފޯނު ކޯލެކެވެ. އެ ވާހަކަތަކަށް ބޮޑުވަޒީރު ޕެއިތޮންތާން ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.
މި މުޒާހަރާ ރޭވީ ޔުނައިޓެޑް ފޯސަސް އޮފް ދަ ލޭންޑް ނަމަކަށް ކިޔާ ކޯލިޝަނަކުންނެވެ. މިއީ ޝިނަވަޓްރާ އާއިލާގެ ސަރުކާރުތަކާ ދެކޮޅަށް ފާއިތުވި ދެ ދަހަރު ވެސް މުޒާހަރާ ކުރި ބައެކެވެ.
މިފަހުން ކުރި މުޒާހަރާތަކުގައި ސަރުކާރުތައް ނުވެއްޓުނު ނަމަވެސް ޖުޑީޝަރީ އާއި އަސްކަރިއްޔާއިން އިސްވެ ސަރުކާރުތައް ބަދަލުކޮށްފައި އެބަހުއްޓެވެ.
އެ ގައުމުގެ ތާރީހުގައި ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވާ އެންމެ ހަގު ބޭފުޅާ ކަމަށްވާ ޕެއިތޮންތާން ވެރިކަން ކުރައްވަމުން ގެންދަވަނީ ހަނި މެޖޯރިޓީއެއް އޮތް ކޯލިޝަނެއް މެދުވެރިވެގެންނެވެ.
Comment