Advertisement

ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ މަންދޫބު ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރާ ބައްދަލުކޮށްފި

28 ޖޫން 2025 - 13:27 1

ރާއްޖޭގެ ސަފީރު ސަލްމާ އަދި ސެތާޓްވެއިޓް: ފަނޑިޔާރުންގެ މައްސަލަ ގާތުން ބަލަމުންދާ ކަމަށް ކުރިން ވިދާޅުވި -- ފޮޓޯ: ރާއްޖެ އެމްބަސީ


ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ މަންދޫބު ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރާ ބައްދަލުކޮށްފި

28 ޖޫން 2025 - 13:27 1

ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ސަލްމާ ރަޝީދުގެ އަރިހައަށް، ފަނޑިޔާރުންގެ މިނިވަންކަމާ ގުޅޭ ކަންކަން ބެލުމަށް އދ. އިން ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު އިއްޔެ ޒިޔާރަތްކޮށްފި އެވެ.

ރާއްޖެއިން ޖެނީވާގައި ގާއިމްކޮށްފައި ހުންނަ އޮފީހަށް އދ. ގެ ހާއްސަ ރެޕަޓޯ މާގަރެޓް ސެޓާތުވެއިޓް ޒިޔާރަތްކޮށްފައި މި ވަނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލައި، ގާނޫނާ ހިލާފަށް ދެ ފަނޑިޔާރަކު ވަކިކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރުމަށްފަހެވެ.

ގާނޫނާ ހިލާފު ތަހުގީގެއް ހިންގުމަށްފަހު އަދި ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ނުދީ މެއި 14، 2025، ގައި ސުޕްރީމް ކޯޓުން ވަކި ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ ބަލަމުންދަނިކޮށް އޭނާ އިސްތިއުފާ ދެއްވީ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސެޓާތުވެއިޓް ވިދާޅުވީ، އޭނާއަށް އދ. އިން ކަނޑަައަޅާފައި އޮތް މެންޑޭޓާ ބެހޭ ގޮތުން ރާއްޖޭގެ ސަފީރާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ. ޖެނީވާގައި ހުންނަ ރާއްޖޭގެ އޮފީހުން ބުނީ، ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ މަންދޫބުގެ އޮފީހާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ސެތާޓުވެއިޓްއަށް ދީފައިވާނެ ކަމަށެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމުން ވެސް އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފަނޑިޔާރުން ވަކި ކުރުމުން، ފަނޑިޔާރުންނަށް އަދި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބެލެވޭނެ ފަދަ ކަންތައްތަކެއް ސަރުކާރުން ކުރިއަށްގެންގޮސްފައިވާތީ އެކަމާ ކަންބޮޑުވެ އޭނާ ވަނީ ބަޔާނެއް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭނެ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ބަލަން ފެށުމުންނެވެ.

ތުހުމަތުތަކެއް އުފަން ކުރުމަށްފަހު ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލަ އަޑުއެހުމެއް ތާވަލުކޮށް މައްސަލަ ބަލަން ފަށަން ކުޑަތަންވެފައި އޮއްވަ އެވެ. އޭގެ ކުރިން، ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ގާނޫނާ ހިލާފަށް ވަކި ކުރަން މަޖުބޫރުވާނޭ ބިލެއް ވެސް މަޖިލީހުން ފާސް ކުރި އެވެ. އެކަމަކު އެ ބިލު ތަސްދީގުނުކޮށް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.