Advertisement

ފައިނު އެކްސިޑެންޓް: ދެ ކުޑަކުދިންނާއި ޓީޗަރަކު މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދެނީ

28 ޖޫން 2025 - 10:17 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރ. ފައިނު


ފައިނު އެކްސިޑެންޓް: ދެ ކުޑަކުދިންނާއި ޓީޗަރަކު މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދެނީ

28 ޖޫން 2025 - 10:17 1

ރ. ފައިނުގައި ލައިސަންސް ނެތް ކުޑަކުއްޖަކު ދުއްވި ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވީ ލައިސަންސް ނެތް 16 އަހަރުގެ ކުޑަކުއްޖެކެވެ. އޭނާ ދުއްވި ސައިކަލު ފަހަތުގައި ވެސް އިނީ 14 އަހަރުގެ ކުއްޖެކެވެ. ސައިކަލު ގޮސް ޖެހުނީ ފައިނު ސްކޫލުގެ ޕްރިންސިޕަލް އަދި ޓީޗަރެއްގެ ގައިގަ އެވެ.

އެކްސިޑެންޓުގައި ހިމެނޭ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެނީ ޕްރިންސިޕަލް ނޫން ދެން އެހެން މީހުންނަށެވެ. ޕްރިންސިޕަލްއަށް މާ ބޮޑެތި އަނިޔާތަކެއް ނުވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

އައިޖީއެމްއެޗް އިން ބުނީ، ބުރާސްފަތި ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެގެން ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނަނީ، ފައިނު ސްކޫލުގެ 49 އަހަރުގެ އިސްލާމް ޓީޗަރަށާއި ސައިކަލުގެ ފަހަތުގައި އިން އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ ކުއްޖާގެ އިތުރުން ގްރޭޑް 10 މި އަހަރު ނިންމި 16 އަހަރުގެ ކުއްޖާއަށް ކަމަށެވެ.

ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ބުނީ އެ ހޮސްޕިޓަލަށް ގެނައި ދެ ކުދިންނާއި ޓީޗަރުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

"ރ. އުނގޫފާރުން އެބަތިބި ގެނެސްފައި ދެ ކުދިންނާއި މީހަކު. އެ އެންމެންގެ ހާލުވެސް ސީރިއަސް. ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ފައިނު ކައުންސިލުގެ ރައީސް އަހުމަދު ރިފްޝާން ވިދާޅުވީ އެ ރަށުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފައިނު ސްކޫލުގެ ޕްރިންސިޕަލަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށާއި އޭނާއަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓު ހިނގީ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރު ކަސްރަތަށް ނިކުމެ އުޅެނިކޮށް، ދެ ކުދިން ތިބި ސައިކަލުން އައިސް އެމީހުން ގައިގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.