Advertisement

މޮޑްރިޗް ދެކޭގޮތުގައި މި ވަގުތު އެންމެ މޮޅު މިޑްފީލްޑަރަކީ ވިޓީނިއާ

28 ޖޫން 2025 - 08:23 0


މޮޑްރިޗް ދެކޭގޮތުގައި މި ވަގުތު އެންމެ މޮޅު މިޑްފީލްޑަރަކީ ވިޓީނިއާ

28 ޖޫން 2025 - 08:23 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 28) - މި ވަގުުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރަކީ، ޕީއެސްޖީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ވިޓީނިއާ ކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން، ލޫކަ މޮޑްރިޗް ބުނެފި އެވެ.

ޕީއެސްޖީން މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދިން، ވިޓީނިއާ، 25، ވަނީ ޕޯޗުގަލް އިން ޔުއެފާ ނޭޝަންސް ލީގު ޗެމްޕިއަންކަން ހޯދިއިރު ވެސް މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު، މޮޑްރިޗް ބުނީ، ވިޓީނިއާ ހުރި ފޯމުގައި އެ ވަރުގެ ކުޅުމެއް ދައްކާ މިޑްފީލްޑަރެއް މި ވަގުތު ނެތް ކަމަށެވެ.

"އޭނަ ވަރަށް އާދަޔާހިލާފު ފޯމެއްގައި އެ ކުޅެލަނީ، އޭނަ ހުންނަ ވަގުތެއްގައި އެ ޓީމެއް މޮޅަށް ކުޅޭ. މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ ވިޓީނިއާ،" ފީފާ ކްލަބް ވޯލްޑް ކަޕަށް ފަހު، ރެއާލް މެޑްރިޑް ދޫކޮށް އޭސީ މިލާނަށް ބަދަލުވާން ނިންމާފައިވާ މޮޑްރިޗް ބުންޏެވެ.

ޕޯޓޯގެ ކޮންޓްރެކްޓްގައި ހުރިއިރު، ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅުނު ވިޓީނިއާ، ޕީއެސްޖީ އަށް ސޮއިކުރީ، 2022 ވަނަ އަހަރު 45 މިލިއަން ޑޮލަރަށެެވެ. ވިޓީނިއާގެ ކުޅުން ރަނގަޅުވީ، ސްޕެއިނުގެ ކޯޗު، ލުއިސް އެންރީކޭ، ޕީއެސްޖީއާ ހަވާލުވި ފަހުންނެވެ.