Advertisement

ނިކޯ އަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބާސެލޯނާ އަށް

27 ޖޫން 2025 - 11:54 0


ނިކޯ އަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބާސެލޯނާ އަށް

27 ޖޫން 2025 - 11:54 0

މެޑްރިޑް (ޖޫން 27) - އެތުލެޓިކް ބިލްބާއޯގެ ކޮންޓްރެކްޓްގައި ހުރި ސްޕެއިނުގެ ފޯވާޑް، ނިކޯ ވިލިއަމްސް އަށް ބާސެލޯނާ އިން ނުފޫޒުފޯރުވަމުން އަންނަ ކަމަށް ބުނެ، ބިލްބާއޯ އިން އެ މައްސަލަ ލަލީގާ އަށް ހުށަހަޅައިފި އެވެ.

ބާސެލޯނާ އިން ނިކޯ، 22، އާ އެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު، އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުމެއް ވެސް އަނގަބަހުން ވަނީ ހެދިފަ އެވެ. އެ ގޮތުން، އެއްބަސްވެފައިވަނީ 2031 ގެ ހޫނު މޫސުމާ ހަމައަށް އެ ކްލަބަށް، އަހަރަކު އަށް މިލިއަން ޔޫރޯގެ މުސާރަ އަކަށް ކުޅޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނާ އެކު، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި، ނިކޯ އަކީ ބާސެލޯނާގެ އެއް ނަމްބަރު ޓާގެޓެވެ. އެކަމަކު، 2027 ވަަނަ އަހަރުގެ ޖޫންގެ ނިިޔަލަށް ނިކޯއާ އެކު، ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ، 75 މިލިއަން ޑޮލަރު އެއް ފަހަރާ ދޭން ބާސެލޯނާ އިިން ބޭނުމެއް ނުވެ އެވެ.

ބާސެލޯނާގެ އެއް ވިސްނުމަކީ، ބަހާލައިގެން، އެ ފީ ދެއްކުމެވެ. އެކަމަކު، ބިލްބާއޯ އިން އެ ގޮތަށް ކުރިއަށްދާން ދެކޮޅު ހަދަ އެވެ.

ބިލްބާއޯ އިން ލަލީގާ އަށް މައްސަލަ ހުށަހެޅީ ބާސެލޯނާގެ މާލީ ގިނަ ކަންކަން ގަވާއިދުގެ ތެރެއަށް ނުފެތި ހުއްޓައި، އެހެން ކްލަބެއްގެ ހުއްދައެއް ނެތި، އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކާ ވާހަކަ ދައްކަމުން އަންނާތީވެ އެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވެސް ވަނީ ބާސެލޯނާ އިން އަދިވެސް ސްޕެނިޝް ލީގުގެ މާލީ ގަވާއިދުގެ ތެރެއަށް ފެތެން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކޮށް ހުރި ކަމަށާއި އާ ޓްރާންސްފާތަކެއް ކުރި ނަމަވެސް އެ ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ ގޮތެއް އަދި ނެތް ކަމަށް ވިދާޅުވެފަ އެވެ.