Advertisement

އަލް ނަސްރުގެ ކޯޗުކަމާ ޕިއޯލީ ހަވާލުވިތާ 9 މަސް ފަހުން މަގާމުން ވަކިވެއްޖެ

25 ޖޫން 2025 - 20:49 0


އަލް ނަސްރުގެ ކޯޗުކަމާ ޕިއޯލީ ހަވާލުވިތާ 9 މަސް ފަހުން މަގާމުން ވަކިވެއްޖެ

25 ޖޫން 2025 - 20:49 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 25) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ނަސްރުގެ ކޯޗުކަމާ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ހަވާލުވި އިޓަލީގެ ސްޓެފާނޯ ޕިއޯލީ، ނުވަ މަސް ތެރޭ މަގާމުން ވަކިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، 24 ވަނަ ދުވަހު، އޭސީ މިލާނާއި ފިއޮރެންޓީނާގެ ކުރީގެ ކޯޗި ޕިއޯލީ، އަލް ނަސްރުގެ ކޯޗަކަށް ގެނައީ، ސީޒަނެއްގައި 12 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގައި، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ.

އެކަމަކު، މަގާމުގައި ހޭދަކުރި ފުރަތަމަ ސީޒަން ނިމުނުތަނާ އޭނާ މި ވަނީ ޓީމުން ވަކިވެފަ އެވެ.

އަލް ނަސްރުން ބުނީ، މިއީ، ޕިއޯލީގެ ކޯޗިން ސްޓާފުންނާ މަޝްވަރާ ކުރެވިގެން ދެ ފަރާތަށް އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވޭތީ ނިންމި ނިންމުމެއް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން، ޕިއޯލީ އަންނަނީ ކުރިން އޭނާ ކޯޗުކޮށްދިން ފިއޮރެންޓީނާއާ ހަވާލުވާން މަޝްވަރާ ކުރަމުންނެވެ. ޕިއޯލީ، ވަނީ 2019 ވަނަ އަހަރު މިލާނާ ހަވާލުވުމުގެ ކުރިން، އޭގެ ކުރިން ދެ އަހަރު ފިއޮރެންޓީނާ އަށް ކޯޗުކޮށްދީފަ އެވެ.

އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންޓްރެކްޓް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، އެ ކްލަބުން އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި ވާހަކަ ދައްކަމުން އަންނަނީ، ރޮނާލްޑޯއާ އެކު، ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ސާޖިއޯ ކޮންސެސާއޯއާ އެވެ.

ސައުދީ ޕްރޯ ލީގުގެ ތިން ވަނައިގައި ނިންމި، އަލް ނަސްރަށް އެންމެ ފަހުން ތަށްޓެއް ހޯދުނީ 2019 ވަނަ އަހަރު އެވެ. އެ ޓީމުން ދުނިޔޭގެ މަޝްހޫރު ތަރި، ރޮނާލްޑޯ، މީގެ ދެ އަހަރާއި ބައިގެ ކުރިން ސޮއިކުރި ފަހުން ފުލް ޓައިމް ތިން ކޯޗުން ގެނައި ނަމަވެސް އަދި ތަށްޓެއް ހޯދޭ ގޮތެއްނުވެ އެވެ.