Advertisement

އެލްޖީއޭއިން ތިނަދޫ ކައުންސިލުގެ ވެރިން ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް: އެމްޑީޕީ

25 ޖޫން 2025 - 20:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޭޔަރު ސައުދާއި ރައީސް މުހައްމަދު މުއިއްޒު: އެމްޑީޕީ އިން ބުނީ ސަރުކާރުން އުޅެނީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް -- ފޮޓޯ: ފައިލް


އެލްޖީއޭއިން ތިނަދޫ ކައުންސިލުގެ ވެރިން ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް: އެމްޑީޕީ

25 ޖޫން 2025 - 20:20 0

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑް ކުރީ އެއްވެސް އަސާސެއް ނެތި ކަމަށް ބުނެ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑު ކުރީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލައި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލުމަށް ކަމަށެވެ.

އެ ޕާޓީން ބުނި ގޮތުގައި، އެލްޖީއޭއިން މި ފިޔަވަޅު އަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލު ނުކުރާތީ، އެ އޮތޯރިޓީއަށް ހުށަހެޅި އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށެވެ.

"މި މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭއަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން މި ޕާޓީއަށް މައުލޫމާތު ދީފައިވޭ. އެއްވެސް އިންޒާރެއް ދިނުމެއް ނެތި އަވަސް އަރުވާލައިގެން މިއަދު ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވާއިރު، މިހާތަނަށް އައިއިރު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭއިން އަންގާފައި ނުވޭ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން، މިއަދުގެ އޮފީސް ބަންދުކުރިއިރު ވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް އެމްޑީޕީން ފާހަގަ ކުރެ އެވެ.

އެމްޑީޕީން ބުނީ، އެލްޖީއޭއިން މަސައްކަތް ކުރަމުން ދަނީ މި ޣައިރު ގާނޫނީ ފިޔަވަޅު އުވައިލުމަށް ކޯޓަށް ދިޔުމަށް ތިނަދޫ ސިޓީ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.

"ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ވެސް އެއްވެސް އިޖުރާއަތެއް ހިންގުމެއް ނެތި ކައުންސިލަރުން ސަސްޕެންޑް ކުރިއިރު، އަނެއްކާ ވެސް އެ ދުވަސް އިއާދަކޮށް ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވައިލުމަށް މި ސަރުކާރުން ވެސް ދަނީ މަސައްކަތް ކުރަމުން. މިއީ ބާރުތައް މަރުކަޒު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ކައުންސިލްތަކަށް ދީފައި ވެ އެވެ. އަދި އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން ކައުންސިލްތަކާ ދެކޮޅަށް އަޅަމުންދާ ޣައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެމްޑީޕީން ގޮވާލި އެވެ.