Advertisement

ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރި: ފައްޔާޒް

25 ޖޫން 2025 - 15:29 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ރިޔާސީ ޕްރައިމަރީއަށް އަދިވެސް ޝައުގުވެރިކަން ހުރި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރި: ފައްޔާޒް

25 ޖޫން 2025 - 15:29 1

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އަދިވެސް ގަސްދު ކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ގައުމީ މަޖިލީހުގައި ކަމަށެވެ. އެގޮތުން އެ ޝައުގުވެރިކަން އަދިވެސް ހުންނެވި ކަމަށާއި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު ތި ވިދާޅުވާ އިއުލާން ކުރައްވާ ކަމަކީ އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގައި ހިއްސާކޮށްލި ހިޔާލެއް އެނގޭތޯ. އެގޮތުގައި އަދިވެސް މިހުރީ. ﷲ އިރާދަކުރެއްވިއްޔާ، ދުނިޔޭގައި ހުރިއްޔާ [ވާދަ] ކުރާނަން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޕާޓީގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނަވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާން ކުރެއްވުމާ ގުޅިގެން ޕާޓީ ތެރެއިން މިހާތަނަށް އެއްވެސް ގޮންޖެހުމެއް ކުރިމަތި ނުވާ ކަމަށެވެ.

"ތި ވިދާޅުވާހެން އަޅުގަނޑު އެކަނި ކަންނޭނގެ ހާމަކަން ބޮޑު ގޮތަކަށް އިއުލާން ކޮށްގެން މިއުޅެނީ އެނގޭތޯ. އެހެންވީމާ އަދިއެއް އަޅުގަނޑަކަށެއް އެކަމުގައި ގޮންޖެހުމެއް ނެތޭ ދެންނެވޭނީ،" އޭނާ ވިދާޅުވި އެވެ.

މީގެ ހަތަރު އަހަރު ފަހުން 2028 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި، 2023 ގައި އޮތް ޕްރައިމަރީގައި ހިނގައިދިޔަ ފަދަ ކަމެއް ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ މެންބަރުންގެ އިތުބާރު ލިބިފައިވާ މީހަކަށް ޖާގަ ލިބި، އެމީހެއްގެ ފަހަތަށް އެންމެން އަރާނެ ކަމަށެވެ.

ފައްޔާޒްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަންޏެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ބައެއް ގާތް ބޭފުޅުންގެ ހިޔާލު ހޯއްދަވައިފަ އެވެ.