Advertisement

ރިސޯޓް ލީގު: އަރި ޒޯނުން ފައިނަލުގެ ފުރަތަމަ ޖާގަ ކޮންރެޑަށް

25 ޖޫން 2025 - 08:36 0

އަތޫފް އާތިފް

އަތޫފް އާތިފް


ރިސޯޓް ލީގު: އަރި ޒޯނުން ފައިނަލުގެ ފުރަތަމަ ޖާގަ ކޮންރެޑަށް

25 ޖޫން 2025 - 08:36 0

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އަތުން ބާސެލޯ ވޭލް ލެގޫން ބަލިވުމުގެ ފައިދާ ނަގައި, ކޮންރެޑުން އަރި ޒޯނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

މި މުބާރާތުގައި އިއްޔެ ދެ މެޗު ކުޅެފައިވާއިރު، ލިލީ ބީޗް އަތުން ބާސެލޯ ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ 19 ވަނަ މިނިޓްގައި ލިލީ ބީޗުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އިސްމާއިލް ޒަޔާން އެވެ.

ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނިޓްގައި ލިލީ ބީޗުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން މުހައްމަދު ރަޝީދު އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން ބާސެލޯގެ އަހުމަދު މައިސޫން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

ބާސެލޯ އާއި ލިލީ ބީޗް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އިމޭޖަސް.އެމްވީ


މި މެޗުގެ ނަތީޖާގެ ސަބަބުން ކޮންރެޑަށް އިއްޔެގެ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. ކޮންރެޑުން އިއްޔެ ހަވީރު ކުޅުނު ދެ ވަނަ މެޗުގައި ކުރަމަތި މޯލްޑިވްސްގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ 15 ވަނަ މިނިޓްގައި ކޮންރެޑަށް ލީޑު ނަގައިދިނީ ހުސެއިން ޝިފާހު އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން މިނިޓެއްގެ ތެރޭގައި ކޮންރެޑަށް ލީޑު ފުޅާކޮށްދިނީ އަބްދުالله އަޒީމް އެވެ.

ކޮންރެޑްގެ ތިން ވަނަ ގޯލު މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝިފާހު އެވެ.

މި ނަތީޖާތަކާ އެކު ކޮންރެޑަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވީ ކުޅުނު ތިން މެޗުން 10 ޕޮއިންޓް ހޯދައިގެން، ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

އަރި ޒޯނުގެ ލީގު ބުރުގެ ދެ ވަނަ އަދި ތިން ވަނަ ޓީމުން ޖެހޭނީ ސެމީ ފައިނަލް ކުޅޭށެވެ.

ރިސޯޓް ލީގުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. ކޮންރެޑުން ވަނީ އަރި ޒޯނުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ކޮންރެޑް ނޫން ޓީމަކުން މި ޒޯނުގެ ތަށި ނެގުނު ހަމައެކަނި ޓީމަކީ ވިލަމެންދޫ އެވެ.

އަރި ޒޯނުގައި މި ފަހަރު ޖުމްލަ ފަސް ރިސޯޓުން ވާދަކުރާނެ އެވެ. އެއީ މި ޒޯނުގެ މެޗުތައް ކުރިއަށްދާ ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ އިތުރުން، ބާސެލޯ، ވިލަމެންދޫ، ކުރަމަތި އަދި ލިލީ ބީޗް އެވެ.