30 އޮކްޓޯބަރު 2025 - 10:44 0
ލަނޑު ޖެހުމަށް ފަހު ވަލްޑޯފްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
30 އޮކްޓޯބަރު 2025 - 10:44 0
ރިސޯޓު ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ލީގުގެ ފައިނަލުގެ އުންމީދު، ސައުތު މާލެ ޒޯން ބުރުގެ ޗެމްޕިއަން، ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށިން ބޮޑުކޮށްފި އެވެ.
ސުޕަ ލީގުގައި ވަލްޑޯފުން ވަނީ، ނޯތު މާލެ ޒޯންގެ ޗެމްޕިއަންކަން، ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސްއާ ދެ ލެގު ކުޅެގެން، 5-3 ގެ އެގްރިގޭޓުން ކުރިހޯދައިފަ އެވެ.
ފުރަތަމަ ލެގުގައި، ވަލްޑޯފް މޮޅުވީ، އިބްރާހިމް ރަފާހު ޖެހި ދެ ގޯލުން 2-0 އިންނެވެ. ދެ ވަަނަ ލެގު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ވަލްޑޯފްގެ ލަނޑުތައް ޖެހީ، ރަފާހު ގޯލެއްގެ އިތުރުން، ސުލައިމާން އަނީސް ދެ ގޯލެވެ. އަދި، އޮޅަހާލީގެ ލަނޑުތައް ޖެހީ، މުހައްމަދު އިޝާން ދެ ގޯލާއި އަހުމަދު ތޯއިފް އެވެ.
ދ. ޒޯނުގެ ޗެމްޕިއަން އަންގްސަނާ ވެލާވަރު އަތުން އެގްރިގޭޓަށް ބަލާއިރު، އަރި ޒޯނުގެ ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް ރަންގެލިން ވަނީ 5-4 އިން ކުރިހޯދައިފަ އެވެ.
ސުޕަ ލީގުގައި ދެން އޮތީ، ބ ޒޯންގެ ޗެމްޕިއަން، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އާއި ރ. ޒޯންގެ ޗެމްޕިއަން، ޖޯލި މޯލްޑިވްސް ކުޅޭ ދެ ލެެެގެވެ، އެ ގޮތުން ފުރަތަމަ ލެގު، މިއަދު އަނަންތަރާގައި ކުޅުމަށް ފަހު، ދެ ވަނަ ލެގު ހޮނިހިރު ދުވަހު، ޖޯލީގައި ކުޅޭނެ އެވެ.
ސުޕަ ލީގުގެ ތިން މެޗުގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހައިގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެން މޮޅުވާ ދެ ޓީމެއް ކުޅޭނީ ސެމީ ފައިނަލުގަ އެވެ. ސެމީ ފައިނަލް އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޖުމެއިރާގަ އެވެ. އަދި، އޭގެ އެއް ދުވަސް ފަހުން ފައިނަލް ވެސް ކުޅޭނީ ޖުމެއިރާގަ އެވެ.
Comment