އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ. -- ފޮޓޯ: އޭޕީ
މި މަހުގެ 13، ގައި އިޒްރޭލުން އިސްވެ އިރާނަށް ދިން ހަމަލާތަކާއެކު ވޭތުވެދިޔަ 11 ދުވަހު ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިރާނުން އިއުލާނުކޮށްފި އެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ ގަޑިއިރެއްހާއިރު ކުރިން އިރާނުން އަދި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވީ އެމެރިކާ މެދުވެރިވެގެން ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި އެއްބަސްވުމަށް އައީ ގަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކަކާ ގުޅިގެންނެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވި ވަގުތާ ޖެހެން ދެން ވެސް އިރާނާއި އިޒްރޭލުން ދިޔައީ ހަމަލާ ބަދަލުކުރަމުންނެވެ. ފަހު ވަގުތު އިރާނުން ދިން ވަރުގަދަ ހަމަލާތަކުގައި އިޒްރޭލުގެ އުތުރާއި ދެކުނަށް ވަނީ އަމާޒުވެފަ އެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ ފަސް މީހަކު ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ފަހުވަގުތު ދިން ހަމަލާތަކުގައި އިރާނުގެ އިތުރު ނިއުކްލިއާ ސައިންޓިސްޓަކު ވަނީ މަރަލާފަ އެވެ. މި ހަނގުރާމަ ފެށީ އިރާނުން ނިއުކްލިއާ ހަތިޔާރު ހެދުމަށް ތައްޔާރުވަމުންދާ ކަމަށާއި ޔުރޭނިއަމް ފައްކާކުރަމުންދާ ކަމަށް ބުނެ އެވެ.
މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން އާދިއްތަ ދުވަހު ވަދެ އިރާނުގެ ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށް ވަނީ ހަމަލާދީފަ އެވެ.
އެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކުގެ ތެލާއި ގޭސް ބޭރުކުރާ މައި ކަނޑުއޮޅި ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އިޒްރޭލަށް އިއްޔެ އާއި ރޭ ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ.
އަދި، ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ވަނީ ރޭ ހަމަލާ ދީފަ އެވެ.
އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާއަށް ބޯނުލަނބައި އޮތް އިރާނުގެ ބާރު ކަނޑުވާލަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިޒްރޭލުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment