Advertisement

އިރާން/އިޒްރޭލު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލީ ހާލަތަށް ކުރާނެ އަސަރު ވަޒަން ކުރަނީ

24 ޖޫން 2025 - 09:00 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް ކުރާނެ އަސަރު ވެސް ވަޒަން ކުރަމުންދާ ކަމަށް -- ފޮޓޯ: އަދަދު ފައިލް


އިރާން/އިޒްރޭލު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލީ ހާލަތަށް ކުރާނެ އަސަރު ވަޒަން ކުރަނީ

24 ޖޫން 2025 - 09:00 0

އިޒްރޭލާއި އިރާންއާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލީ ހާލަތަށާއި ފުޑް ސެކިއުރިޓީއަށް ކުރާނެ އަސަރު ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބައެއް ވަޒީރުން ބުނެފި އެވެ.

ހަނގުރާމަ ފެށުނީ ޖޫން 13، ގައި އިޒްރޭލުން އިރާނުގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ ދިނުމުންނެވެ. އޭގެ ފަހުން އެމެރިކާއިން ވެސް އިރާނަށް ހަމަލާ ދިނެވެ. އޭގެ ބަދަލުގައި އިރާނުން އަންނަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ. އަދި ރޭގެ ވަގުތެއްގައި ގަތަރުގައި ގާއިމްކޮށްފައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް އިރާނުން ހަމަލާ ދިނެވެ.

ރޭގެ ހަމަލާއަށްފަހު ގަތަރާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރި އެވެ. ގަތަރުގެ ދޯހާ އާއި ޔޫއޭއީގެ އަބޫ ދާބީ އަދި ޑުބާއީގެ ކަނެކްޓިން ފްލައިޓުތަކުން ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން އާދެ އެވެ. ނަމަވެސް ގަޑިއިރުތަކަކަށްފަހު އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ވަނީ އަލުން ހުޅުވާލައިފަ އެވެ. އަދި ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ އެއް ގައުމެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުންދާ ކަމަށެވެ.

"މެދު އިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށާއި ހަކަތައިގެ ބާޒާރަށާއި ފުޑް ސެކިއުރިޓީއަށާއި މާލީ ހާލަތަށް ކުރާނެ އަސަރު ވަޒަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ބާޒާރުގެ އަގުތަކާއި އިންފްލޭޝަންގެ ޓްރެންޑާއި ވިޔަފާރިއަށް އަރާ ބުރޫތައް ބެލުމުގެ މަސައްކަތް ކަމާ ގުޅުން އިދާރާތަކާ ގުޅިގެން ދަނީ ބަލަމުން،" ޒަމީރު ވިދާޅުވި އެވެ.

ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ކުރާނެ އަަސަރު މޮނީޓާ ކުރުމުގެ މަސައްކަތް ސްޓޭކްހޯލްޑަރުންނާއި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ކުންފުނިތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ފަތުރުވެރިކަން އޮމާންކަމާއެކު ކުރިއަށް ގެންދެވޭތޯ ބެލުމަށް އަދި ދަތުރުވެރިންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް،" ރޭ ދަންވަރުގެ ވަގުތެއްގައި ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ހުޅަނގުން ރާއްޖެއަށް އަންނަ ދަތުރުވެރިންގެ ހާލަތު ބަލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، ގަތަރާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން ބައެއް ފްލައިޓުތައް ޑިލޭވި ނަމަވެސް މިހާރު ހަމައަކަށް އެޅެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދުއާއަކީ ދަތުރުފަތުރުގެ ކަންކަން އާންމު ހާލަތަކަށް އެޅި ރާއްޖެއަށް ވީހައި ވެސް ކުޑަ އަސަރެއް ކުރަން،" އަމީން ވިދާޅުވެފައިވެ އެވެ.

އިރާނާއި އިޒްރޭލު ސުލްހަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވަނީ ވިދާޅުވެފަ އެވެ. އިރާނުން ބުނީ، އިޒްރޭލުން ހަމަލާތައް ހުއްޓާލައިފި ނަމަ އިރާނުން ވެސް ހަމަލާތައް ހުއްޓައިލާނެ ކަމަށެވެ. އެކަމަކު އިޒްރޭލުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިޒްރޭލުން އިރާނަށް ހަމަލާ ދިނީ، އިރާނުން ނިއުކްލިއާ ހަތިޔާރު ތައްޔާރު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށްވެ އެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާއިން ވެސް ބުނަނީ، ނިއުކްލިއާ ހަތިޔާރު ތައްޔާރު ކުރުމުގެ މަސައްކަތް އިރާނުން ނުކުރާ ކަމަށެވެ.