22 ޖޫން 2025 - 08:30 0
އަހުމަދު އާއިދު
ދަރުމަވަންތަ ހޮސްޕިޓަލުން ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރަން ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: އައިޖީއެމްއެޗް
22 ޖޫން 2025 - 08:30 0
ދަރުމަވަންތަ ހޮސްޕިޓަލުން ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ދަރުވަމަވަންތަ ހިންގާ އައިޖީއެމް ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު އެމްއޯޔޫއެއްގައި ސޮއިކުރީ ޗިލްޑްރެންސް ހޮސްޕިޓަލް އޮފް ސޫޗޯ ޔުނިވަސިޓީ އާއެކު ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި މި ފަހުމުނާމާއާއެކު ރާއްޖޭގައި ކުރެވޭ ކުޑަކުދިންގެ ސާޖަރީތަކުގެ ފެންވަރު ރަނގަޅު ވެގެންދާނެ އެވެ.
އެ ހޮސްޕިޓަލުން މި އެމްއޯޔޫ ސިފަކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގަ އެވެ. އެގޮތުން މި އެމްއޯޔޫގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޓްރެއިނިންތައް ދެވި، މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.
އިއްޔެ ބޭއްވި އެމްއޯޔޫ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޒިއަންހުއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ ކުރިމަގު ކަމަށާއި ރަނގަޅު ސިއްހަތަކީ އެންމެ ބޮޑު ނިއުމަތް ކަމަށެވެ.
އެ އެއްބަސްވުމާއެކު ރާއްޖެއަށް ޕްރޮފެޝަނަލް ސަޕޯޓު ލިބި، މިހާރު ވެސް ވަރުގަދަކޮށް އޮތް ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ސަފީރު އެކްސްގައި ލިޔުއްވާފައިވެ އެވެ. އޭނާ ވަނީ ދެ ގައުމުގެ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Comment