20 ޖޫން 2025 - 08:25 0
ބާސެލޯނާގެ ކީޕަރު ޓާ އަންދްރޭ ސްޓެގެން: އޭނާ އަކީ ބާސެލޯނާގެ ވައިސް ކެޕްޓަނެއް.
20 ޖޫން 2025 - 08:25 0
ބާސެލޯނާ (ޖޫން 20) - ބާސެލޯނާ އިން އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ހޯދަން މަސައްކަތް ކުރަމުން އަންނަ ދެ ކުޅުންތެރިއަކުގެ ރަޖިސްޓްރީ ކަންކަން ފުރިހަމަ ކުރަން އެ ކްލަބުން ހަތް ކުޅުންތެރިއަކު ވިއްކާލަން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ އިން އަންނަނީ، އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް، އެސްޕަންޔޯލްގެ ކީޕަރު، ޖޮއާން ގާސިއާ އާއި އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ގަންނަން މަސައްކަތް ކުރަމުންނެވެ. އެކަމަކު، އެ ކްލަބްގެ މާލީ ހާލަތު އޮތް ގޮތުން، އަލަށް ގެންނަ ކުޅުންތެރިއަކު ރަޖިސްޓްރީ ކުރެވެން ނެތެވެ.
ސްޕެއިނުގެ ފުޓްބޯޅައިގެ މާލީ ކަންކަން ދިރާސާކުރާ ތަޖުރިބާކާރުންނާ ހަވާލާދީ، އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އެސްޕަންޔޯލާއި ބިލްބާއޯ އިން ކިޔާ އަގު ދީފައި، ބާސެލޯނާ އިން އެ ކުޅުންތެރިން ގެންނަނަމަ، ރަޖިސްޓްރީ ކަންކަން ފުރިހަމަ ކުރަން ހަތް ކުޅުންތެރިއަކު ވިއްކާލަން ޖެހެ އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ގަތް، ސްޕެއިނުގެ .މިޑްފީލްޑަރު، ޑެނީ އޮލްމޯ ރަޖިސްޓްރީ ކުރަން ވެސް އެ ކްލަބަށް ގިނަ ދަތިތަކެއް ކުރިމަތިވި އެވެ.
ބާސެލޯނާ އިން ވަނީ އެ ކްލަބުން ދޫކޮށްލާނެ ކުޅުންތެރިންގެ ލިސްޓެއް ވެސް ތައްޔާރުކޮށްފަ އެެވެ. ރިޕޯޓްތައް ބުނާގޮތުން، އެ ލިސްޓުގައި ހިމެނެނީ، އަންސޫ ފާޓީ، ޕައު ވިކްޓޯ، ޕަބްލޯ ޓޯރޭ، އިނާކީ ޕެންޔާ، އޮރިއޯލް ރޮމޭއު، އަންދްރެއަސް ކްރިސްޓެންސަން އަދި މާކް އަންދްރޭ ޓާ ސްޓެގެން އެވެ.
Comment