Advertisement

ބެހި ލިލީ މާތަކުގެ ފަހަތުގައި ފޮރުވިފައި ވަނީ ލެޔާއި ގުޅިފައިވާ ސިއްރުތަކާއި ބަދަލު ހިފުން

29 ޖޫން 2025 - 11:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކްރިއޭޓިވް ނެޓްވޯކުން ތައްޔާރު ކުރާ ފުރަތަމަ ފީޗާ ފިލްމު، "ލިލީ" ގެ ފުރަތަމަ ޓީޒާގެ ސްރީންޝޮޓެއް -- ފޮޓޯ: ސޯޝަލްމީޑިއާ


ބެހި ލިލީ މާތަކުގެ ފަހަތުގައި ފޮރުވިފައި ވަނީ ލެޔާއި ގުޅިފައިވާ ސިއްރުތަކާއި ބަދަލު ހިފުން

29 ޖޫން 2025 - 11:00 0

ހުދު ކުލައިގެ ލިލީ މަލުން މުޅި ސޯޝަލްމީޑިއާ ފަތަހަ ކުރުމަށްފަހު، ލިލީގެ ފުރަތަމަ ޓީޒާ ބެެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ޕްރޮޑަކްޝަން ހައުސް، ކްރިއޭޓިވް ނެޓްވޯކުން ތައްޔާރު ކުރާ ފުރަތަމަ ފީޗާ ފިލްމު، ލިލީގެ ފުރަތަމަ ޓީޒާ ރިލީޒް ކޮށްފައި ވަނީ އިއްޔެ އެވެ. މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އިއްޔެ ރިލީޒްކުރި ޓީޒާގައި އިވިގެން ދަނީ އަނިޔާ ލިބޭ އަންހެނެއްގެ އަޑާއި އިންސާފަށް މަސައްކަތް ކުރާ ވާހަކައިގެ އަޑެވެ. ޓީޒާ ދޫކޮށްލަމުން ކްރިއޭޓިވް ނެޓްވޯކުން ބުނެފައި ވަނީ ލިލީގެ ނަމުގެ ފަހަތުގައި ފޮރުވިފައި ވަނީ ލެޔާ ގުޅިފައިވާ ސިއްރުތަކުގެ އިތުރުން ބަދަލު ހިފުމުގެ ރޫހު ކަމަށެވެ.

ލިލީ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އައިޝާ އަލީ އާއި އަހުމަދު ޝާރިފްގެ އިތުރުން މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާ އެވެ. އޭގެއިތުރުން ފިލްމުގެ މުހިންމު އެހެން ރޯލްތަކުން އަހުމަދު ނިމާލް އާއި މަރިޔަމް ހަލީމް އާއި އައިޝަތު އާރިފާ އަދި އަލީ ފާރޫގު އާއި މުހައްމަދު ވަހީދު ވެސް ފެނިގެންދާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުންޏެވެ.

މި އަހަރު އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމާފައިވާ ލިލީ ފިލްމުން، އެލީޝާ ސަނީމް އާއި ހަދީޖާ އަބޫބަކުރު މުޅީން އަލަށް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާނެ އެވެ. ލިލީ ފިލްމަކީ ނޫސްވެރިޔާ މުހައްމަދު އަރީހު އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.

އެ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ޅ. ހިންނަވަރުގަ އާއި ލ. އަތޮޅުގެ އެކި ސަރަހައްދުތަކުގަ އެވެ.

ކްރިއޭޓިވް ނެޓްވޯކުން ބުނީ ލިލީ އަކީ ތުރިލާ ކްރައިމް ޖޯންރާގެ ފިލްމެއް ކަމަށެވެ. އެ ފިލްމުގައި ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކަކަށް އަލި އަޅުވާލާފައިވާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުންޏެވެ.

އޮލިމްޕަހުގައި ލިލީ އަޅުވާނެ ތާރީހަކާއި އެ ފިލްމުގެ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ދާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުންޏެވެ.

ލިލީ އަށް ދިވެހީންގެ ބޮޑު ސަމާލުކަމެއް ލިބުނީ ހުސްވި ހަފުތާ ތެރޭގައި އެ ފިލްމުގެ ނަން ޕްރޮމޯޓު ކުރުމަސް ކުރިއަށް ގެންދިޔަ "ލިލީ ލިބިއްޖެ" ކެމްޕޭނުގެ ސަބަބުންނެވެ. ލިލީގެ ނަން އިއުލާނު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ކެމްޕޭނުގައި މާލެ ސަރަހައްދަށް 400 އެއްހައި މާ ބެހި ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުންޏެވެ.

ސޯޝަލްމީޑީއާ އިންފްލުއެންސަރުންނާއި ފިލްމީ ތަރިންގެ އިތުރުން މިއުޒިކީ ފަންނާނުން ހިމެނޭހެން ބައެއް އާންމުންނަށް ހުދު ލިލީމާ ބަހައިގެން ކުރިއަށް ގެންދިޔަ އެ ކެމްޕޭނުން ކްރިއޭޓިވް ނެޓްވޯކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް 2.3 މިލިއަން ވިއުޒް ލިބިފައިވެ އެވެ.