Advertisement

ބުރުނު ޝިކާރު: ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ކުޑަ އައްޔަ ދިފާއުކޮށްފި

18 ޖޫން 2025 - 22:13 0

އަތޫފް އާތިފް

އަތޫފް އާތިފް

ޑްރޮޕް - ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދުމަށްފަހު ކުޑަ އައްޔަ އޭނާގެ މަންމައާއެކު އުފާފާޅު ކުރަނީ: ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ބުރުނު ޝިކާރު: ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ކުޑަ އައްޔަ ދިފާއުކޮށްފި

18 ޖޫން 2025 - 22:13 0

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025"ގެ ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން މި ފަހަރު ވެސް އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު ކުޑަ އައްޔަ އަކީ ބުރުނު ޝިކާރު މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި އެތުލީޓެވެ. ބޮޑީބޯޑިންގެ އެންމެ ދުވަސްވީ އެއް މުބާރާތް ކަމަށްވާ ބުރުނު ޝިކާރު މުބާރާތުގެ ޑްރޮޕް-ނީ ކެޓަގަރީގެ ފައިނަލް ހީޓަކުން ކުޑަ އައްޔަ މިހާތަނަށް ބަލިވެފައި ނުވެ އެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ފައިނަލް ހީޓުގައި ކުޑަ އައްޔަ ވާދަކޮށްފައިވަނީ ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާއާ އެެވެ. ފައިނަލް ހީޓު ކުޑަ އައްޔަ ކާމިޔާބު ކުރީ 11.00 ސްކޯ ކޮށްގެންނެވެ. އާމިން އަށް ސްކޯކުރެވުނީ 4.67 އެވެ.

ފައިނަލް ހީޓުގައި ކުޑަ އައްޔަ ވާދަކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މި ކެޓަގަރީގެ ފައިނަލަށް ކުޑަ އައްޔަ ދަތުރުކުރީ ސެމީ ފައިނަލުގައި މުހައްމަދު އަޒާން އަހުމަދު ބަލިކޮށްގެންނެވެ. ސެމީގެ ހީޓު ކުޑަ އައްޔަ ކާމިޔާބުކުރީ 11.83 ސްކޯ ކޮށްގެންނެވެ. އަޒާން އަށް ސްކޯކުރެވުނީ 3.70 އެވެ.

ފައިނަލުން އާމިން ޖާގަ ހޯދީ މުޅިން އަލަށް މި މުބާރާތުގައި ބައިވެރިވި، ދާއިން އަބްދުލް ފައްތާހް ސެމީގައި ބަލިކޮށްގެންނެވެ. ސެމީގައި އާމިން ވަނީ 6.94 ސްކޯ ކޮށްފަ އެވެ. އަދި، ދާއިން އަށް ސްކޯކުރެވުނީ 1.57 އެވެ.

ފައިނަލް ހީޓުގައި ކުޑަ އައްޔަ ޖުމްލަ ހަތަރު ރާޅުގައި އެޅިއިރު، އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅުގައި އަދި ތިންވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި އޭނާ ވަނީ 3.83 ސްކޯކޮށްފަ އެވެ. އަދި ތިންވަނަ ރާޅުގައި ވަނީ 7.17 ސްކޯކޮށްފަ އެވެ.

ފައިނަލުގައި އާމިން ޖުމްލަ އަށް ރާޅުގަ އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ހަތްވަނަ ރާޅު އަދި އަށްވަނަ ރާޅުގަ އެވެ. ހަތްވަނަ ރާޅުގައި އާމިން 2.50 ސްކޯކުރިއިރު، އަށް ވަނަ ރާޅުގައި 2.17 ސްކޯކުރި އެވެ.

މި މުބާރާތުގައި މާދަމާ ކުރިއަށް ދާނީ މެންސް އޯޕަން އަދި ޖޫނިއާ އޯޕަން ކެޓަގަރީގެ އިވެންޓްތަކެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔަ އެވެ.

ކުޑަ އައްޔަ ވަނީ މީގެ ކުރިން މި މުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު، 2023 ވަނަ އަހަރު ފައިނަލުގައި ކުޑަ އައްޔަ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން އެވެ. އަޝްރަފަކީ ކުޑަ އައްޔަ ބަލިކޮށް މު މުބާރާތް ކާމިޔާބުކުރި ހަމައެކަނި ބޮޑީބޯޑަރެވެ.