18 ޖޫން 2025 - 16:27 0
18 ޖޫން 2025 - 16:27 0
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ސީދާ ގޮތުން އެމެރިކާ ބައިވެރިވެއްޖެނަމަ، އެ ގައުމަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އިރާނުން ދީފި އެވެ.
ޖެނީވާގައި ހުންނަ އދ. އަށް އިރާނުން ކަނޑައަޅާފައިވާ ސަފީރު ޢަލީ ބަހްރެއިނީ ވަނީ އެކަން އެމެރިކާ ސަރުކާރަށް އަންގާފައިވާކަން ހާމަކުރައްވާފަ އެވެ.
އެމެރިކާގެ ބައިވެރިވުން މިހާރު ވެސް އޮތް ކަމަށް ބަހްރެއިނީ ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ރަތް ރޮނގު ހުރަސްކޮށް ސީދާ އެމެރިކާއިން ހަމަލާތަކުގައި ބައިވެރިވެއްޖެނަމަ އެ ގައުމަށް ރައްދު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރައްދު ދޭނީ ކޮން ގޮތަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.
ހުކުރު ދުވަހުގެ ވަގުތެއްގައި އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އިރާނު ވަރަށް ކައިރިވެފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އިރާނުން އެކަން ދޮގު ކުރެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ގޮވާލެއްވީ އިރާނުން އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާ ދިނުމަށެވެ. އެ އިންޒާރު ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުންދާ ކަމަށް ބްހްރެއިނީ ވިދާޅުވި އެވެ.
އެމެރިކާއިން ދަނީ އިރާނުން ފޮނުވަމުންދާ މިސައިލުތައް ވައްޓައިލުމަށް އިޒްރޭލަށް އެހީވަމުންނެވެ. މެދުއިރުމައްޗަށް އެ ގައުމުން އަންނަނީ އިތުރު އަސްކަރީ މަތިންދާބޯޓުތައް ފޮނުވަމުންނެވެ.
Comment