މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަނުކުރީ މިއަދު އެވެ. މަޖިލީހުން އޭނާ އައްޔަނު ކުރަން ފެންނަ ކަމަށް ފާސްކުރީ ޖޫން 16، ގަ އެވެ.
ބްރޯޑްކޮމްގެ މެންބަރު އާމިނަތު އަމީނާގެ ދައުރު ހަމަވުމުން، އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ޒަމްއަތު ހިމެނޭ ގޮތަށް ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 89 ޕަސަންޓާއެކު އެންމެ މަތިން މާކްސް ލިބުނު ޒަމްއަތު ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒަމްއަތު މީގެ ކުރިން ވެސް ކުރިމަތިލާފައިވެ އެވެ. ނަމަވެސް އެފަހަރު އޭނާއަށް އިންޓަވިއުއިން ލިބުނީ 77.50 ޕަސަންޓެވެ.
އެފަހަރު ވޯޓުގައި އެންމެ ގިނައިން މާކްސް ހޯއްދެވި ޒީނާގެ ނަމަށް ވޯޓަށް އެހި ނަމަވެސް، މަޖިލީހުން ފާސްކުރީ ހަތަރުވަނައަށް އެންމެ ގިނައިން މާކްސް ހޯއްދެވި ކުރީގެ ޕްރެޒެންޓަރު މޫސާ ރިލްވާން އެވެ.
ޒަމްއަތު ވަނީ އައިޔޫއެމް އިން ޖާނަލިޒަމްގެ މާސްޓާސް ފުރިހަމަކުރައްވާފަ އެވެ. އަދި 2006 އިން ފެށިގެން ގެންދަވަނީ މީޑިއާގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.
މިވަގުތު ބްރޯޑްކޮމްގައި ތިއްބެވީ ސަފާ ޝަފީގު، ޝިފްލާ އިބްރާހިމް، އައިމިނަތު ނުޒުހާ، މުހައްމަދު އަބްދުالله، އައިމިނަތު ސަރާހަތު އިއްޒަތު، މޫސާ ރިލުވާން އަދި ޒަމްއަތު އެވެ. އޭގެ ތެރެއިން ފަސް ކޮމިޝަނަރުން އައްޔަނުކުރީ މި ވެރިކަމުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment