Advertisement

މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

18 ޖޫން 2025 - 13:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

18 ޖޫން 2025 - 13:01 0

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް (ޓީޓީ) ޓޯނަމަންޓްގެ ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

އަންނަ އޯގަސްޓް 19، އިން 25 ގެ ނިޔަލަށް ތޮއްޑޫގައި ބާއްވާ އެ މުބާރާތް ވެގެންދާނީ އެ ރަށުގައި ބޭއްވޭ ފުރަތަމަ ބައިނަލްއަގުވާމީ ޓީޓީ މުބާރާތަށެވެ.

އެ މުބާރާތުގައި ޖަރުމަން، ޗައިނާ، ސްޕެއިން، އިންޑިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ ހިމެނޭ ގޮތަށް 20 އަށް ވުރެ ގިނަ ގައުމުން 130 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ އެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގެ މަގްސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީއަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ބާއްވާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަން ދޭ ކަމަށެވެ.

"މިއީ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވަނީ ލޯކަލް ޓޫރިޒަމް ކުރިއަރުވައި، މުޖުތަމައުގެ ތެރޭގައި ކުރިއަގެންދާ މި ފަދަ ހަރަކާތްތަކަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ބައިވެރިވަމުންނެވެ.