18 ޖޫން 2025 - 12:59 0
ސްޕޯޓްސް މިނިސްޓަރު ރާފިއު (ވ) އާއި ޓެނިސް ޓީމުގެ ނަޔާރާ (ކ) އާއި އާރާ (މ): އާރާ އާއި ނަޔާރާ މި ވަގުތު ތިބީ ޖޯޑަންގައި.--- ފޮޓޯ: އިމޭޖަސް.އެމްވީ
18 ޖޫން 2025 - 12:59 0
އިޒްރޭލާއި އިރާންގެ ދެމެދުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި، އެ ދެ ގައުމާ އިންވެގެން އޮތް ޖޯޑަންގައި ރާއްޖޭގެ ޓެނިސް ޓީމު 11 މެމްބަރުންނާ އެކު ތާށިވެފައި ތިބިއިރު، އެ މީހުންގެ ކަންކަން، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ބަލަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ޖޯޑަންގައި، މި މަހުގެ 16 އިން 21 އަށް ކުރިއަށްގެންދިއުމަށް ރާވާފައި އޮތް ބިލީ ޖީން ކިންގް ކަޕް (ދި ވޯލްޑް ކަޕް އޮފް ޓެނިސް)ގައި ވާދަކުރަން، ރާއްޖޭގެ ޓެނިސް ޓީމުގެ 11 މެމްބަރުން، ޖޯޑަން އަށް ދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ޓީމުގެ މެމްބަރުންގެ ގޮތުގައި ތިބީ، ހަތަރު ކުޅުންތެރިންނާއި ދެ އޮފިޝަލުންގެ އިތުރުން ބެލެނިވެރިންނެވެ.
ޓެނިސް ޓީމު، ޖޯޑަން އަށް ދިޔައީ އިޒްރޭލުން އިރާނަށް ހަމަލާ ދިނުމާ އެކު، ދެ ގައުމުގެ މެދުގައި ހަމަލާ ފެށި ވަގުތުގެ ތެރޭގަ އެވެ. ހަނގުރާމައިގެ ކަންކަން ވަރުގަދަވެ، ޖޯޑަންގެ ބޯޑަރު އެއްކޮށް ބަންދުކުރި އެވެ. ބަންދުކުރުމާ އެކު، ދިވެހި ޓީމުން، ސައުދީ އަރަބިއްޔާގެ އެމްބަސީއާ އެކު ވެސް މުއާމަލާތްތަކެއް ކުރެވިގެން، މަސައްކަތް ކުރީ އެއްގަމު މަގުން، ޓެކްސީއެއްގައި، ސައުދީ އަރަބިއްޔާ އަށް ދިއުމަށެވެ. ބޯޑަރު ބަންދުވުމުން އެކަން ނުވުމާ އެކު، ޓެނިސް ޓީމުން މަސައްކަތް ކުރީ، ރާއްޖެ އައުމަށް، އެއްވެސް ފުރުސަތެއް އެއާލައިނެއް މެދުވެރިކޮށް އޮތްތޯ އެވެ. ރާއްޖޭގެ ޓީމު ޖޯޑަން އަށް ދިއުމަށް ބޭނުންކުރި، ފްލައި ދުބާއީގެ ފްލައިޓްތައް ޖޯޑަން އިން އެއްކޮށް ކަހަލަ ގޮތަކަށް ކެންސަލް ވަމުންދިޔައިރު، އުންމީދެއް ލިބުނީ، ރޯޔަލް ޖޯޑަން އެއާލައިނުން ދުބާއީ އަށް ދަތުރުތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެންދިއުމާއެކުގަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)ގެ އެހީތެރިކަމާ އެކު، ރޯޔަލް ޖޯޑަން އެއާލައިނުން، ހުކުރު ދުވަހު، ދުބާއީ އަށް ދާން ޓެނިސް ޓީމަށް މިހާރު ވަނީ ޓިކެޓް ހަމަޖެހިފަ އެވެ. އެކަމަކު، ރޯޔަލް ޖޯޑަން އެއާލައިނުގެ ފްލައިޓްތައް ވެސް، އިޒްރޭލާއި އިރާންގެ ހަނގުރާމައިގެ ކަންކަން ގޯސްވަމުންދާތީވެ، އަންނަނީ ކެންސަލްވަމުންނެވެ. އެހެންކަމުން، ޓެނިސް ޓީމު ދުބާއީ އަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓް ވެސް މި ވަގުތު ޝެޑިއުލް ކޮށްފައި އޮތް ކަމުގައި ވިޔަސް، ހާލަތު މެދުވެރިވާ ގޮތަކުން، ކެންސަލްވުމުގެ ބިރު އެބައޮތެވެ.
ޓެނިސް ޓީމަށް އޮލިމްޕިކް ކޮމިޓީ، ސްޕޯޓްސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
އެކަމާ ގުޅޭގޮތުން، ސްޕޯޓްސް މިނިސްޓަރު، ރާފިއު، މިއަދު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ވަރަށް ގާތުން މި ކަމާ ގުޅޭގޮތުން، ޓެނިސް އެސޯސިއޭޝަނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިދިޔަ ދެ ދުވަހު ވެސް މި އަންނަނީ އިގްނާޒް (ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް)އާ އެކު މި ކަމުގެ ވާހަކަތައް ދައްކަމުން، މިނިސްޓްރީން ވަނީ ދިމާވި ހާލަތާ ގުޅިގެން، ޓެނިސް ޓީމު އެނބުރި ގެންނަން އެ ދޭން ޖެހޭ މާލީ އެހީތެރިކަން ދޭން ނިންމައިފައި، ވާހަކަ ދެކެވެމުން މި ދަނީ، ދެން، އެ މީހުން އެނބުރި އައުމުގެ ދަތުރު ފަތުރުގެ (ޓިކެޓް) ވެސް ހަމަޖެހިފައި،" ދުބާއީގައި މި ވަގުތު އޭޝިއާ/އޯޝެނިއާގެ މިިނިސްޓީރިއަލް މީޓިންއެއްގައި ބައިވެރިވުމަަށް ހުންނެވި، ރާފިއު ވިދާޅުވި އެވެ.
ޓެނިސް ޓީމު، މި މަހު 12 ވަނަ ދުވަހު، ޖޯޑަން އަށް ދަތުރުކުރިއިރު، އިޒްރޭލާއި އިރާންގެ މި ހަނގުރާމައިގެ ނުރައްކާތެރި މާ ގިނަ ކަންކަމެއް ނެތުމުން އޭރު ޓެނިސް ޓީމަށް އޭގެ މައުލޫމާތެއް ވެސް ލިބިފައިނެތެވެ. އެކަމަކު، މަޑުމަޑުން ހަނގުރާމައިގެ ހަބަރުތައް ފެންނަން ފަށައި، ހާލަތު ގޯސްވެ، އެ ސަރަހައްދުގައި ވައިގެ މަގުން ދަތުރުކުރާ ހުރިހާ އެއާލައިނެއް ކަހަލަ ގޮތަށް ބަންދުވާ ހިސާބަށް ދިއުމުން ކަންކަން ގޯސްވަމުން އަންނަ މިންވަރު ފެންނަން ފެށި އެވެ.
ޖޯޑަންގައި ސަލާމަތީ ކަންކަން ރޭވިފައި އޮތް ގޮތަށް ބަލާއިރު، އެ ގައުމުގެ މީހުން ވެސް ދިޔައީ މި ހަނގުރާމައިގެ ކަންކަމަށް މަޑުމަޑުން އަހުލުވެރިވަމުންނެވެ. އަދި، އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ޖޯޑަންގެ ވައިގެ ސަރަހައްދު ތެރޭގައި އިޒްރޭލާއި އިރާނުގެ ޑްރޯން/މިސައިލްތައް ދަތުރުކުރާތީ، ސަލާމަތީ ފިޔަވަޅުތައް އަންނީ ވަރުގަދަ ކުރަމުންނެވެ.
ރާއްޖޭގެ ޓީމާ އެކު، ޖޯޑަންގައި ހުރި ބެލެނިވެރިއަކު، "އަދަދު ސްޕޯޓްސް" އަށް އިއްޔެ ބުނި ގޮތުގައި، އިއްޔެ ހެނދުނު، ޖޯޑަން އަށް އިންޓަސެޕްޓްކޮށްގެން ވެއްޓުނު އެއް މިސައިލް/ޑްރޯން، ވެއްޓިފައިވަނީ، ރާއްޖޭގެ ޓީމު ތިބިތަނާ، 5-10 ކިލޯމީޓަރު ރޭޑިއަސްއެއްގެ ތެރެއަށް ކަމަށެވެ.
"މަތިން މި ވެެއްޓޭ މިސައިލް ނޫނީ ޑްރޯން އިންޓަސެޕްޓްކޮށްގެން މި ވެއްޓެނީ ވެސް، ތިބިތަނާ 5-10 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރެއަށް، އެބަހުރި ވެއްޓިފައި ވެސް، އެއީ އެންމެ ބޮޑު އިޝޫ އަކީ މި ކޮޅުގައި، ދެން، ވައިގެ މަގުން ދަތުރުކުރަން ބަލާއިރު، މި ޑްރޯންތައް މި އަންނަނީ ދެ ފަޅިން ވެސް، އެއީ ހަމަ އެންމެ ބޮޑު ރިސްކަކީ، ކުދިން ވެސް ވަރަށް ބިރުން އެ ތިބެނީ، މާލެ ދާން ވެސް ބޭނުންވެފައި،" އޭނާ ބުންޏެވެ.
ދިވެހި ޓީމުން އެންމެ އަވަސް ހައްލެއްހޯދައި، ރާއްޖެ އާދެވޭނެ ކޮޅެއް ހޯދޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ބަލާއިރު، ރޯޔަލް ޖޯޑަންގެ ބައެއް ފްލައިޓްތައް ވެސް ކެންސަލްވަމުން އަންނާތީވެ، ރާއްޖެ ޓީމު ދުބާއީ އަށް ދާން އޮތް ފްލައިޓަށް އެ ފަދަ ކަމެއް ދިމާވެދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ. މިހާރު އޮތްގޮތުން، ރާއްޖެ ޓީމު ހުކުރު ދުވަހު ދުބާއީ އަށް ދިއުމަށް ފަހު، މާލެ އަންނަން އޮތީ ހޮނިހިރު ދުވަހު އެވެ.
Comment