Advertisement

ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމުން އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއް މިރޭ ބާއްވަނީ

18 ޖޫން 2025 - 10:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް


ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމުން އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއް މިރޭ ބާއްވަނީ

18 ޖޫން 2025 - 10:39 0

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅެން ނިންމުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރެއަށް ތާވަލުކޮށްފި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ މިރޭ 8:30 ގަ އެވެ. މިރޭ ބާއްވާ ޖަލްސާއަކީ ނުރަސްމީ ޖަލްސާއެއް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އޮންނާނީ ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ގެ އިތުރުން ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމާފައި ވާތީ، އެ މީހުންނާއެކު މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ.

"އަހަރުމެން އެމީހުންނާއެކު ކުރިއަށް ދާނެ ގޮތްތަކެއް ނިންމަންޖެހޭނެ، ރައީސް ނަޝީދު އާއި އީވާއަކީ އާދައިގެ ބޭފުޅުންނެއް ނޫން، އެހެންވީމާ އެ ބޭފުޅުން އަނބުރާ އެމްޑީޕީއާ ގުޅެން ނިންމީމާ އެ ބޭފުޅުންނާއެކު އަޅުގަނޑުމެން ޕާޓީ ދެން ކުރިއަށް ދާނެ ގޮތްތަކާ ގުޅޭގޮތުން ހިޔާލު ހޯދުން މިރޭ އޮންނާނީ،" އިބްރާހިމް ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު ދިމާވި މައްސަލަގަނޑުގެ ތެރޭގައި އެ ޕާޓީން ވަކިވި ބަޔަކު ގޮސް އުފެއްދި ދަ ޑިމޮކްރެޓްސް ދޫކޮށް، ނަޝީދު އާއި އީވާ އަލުން އެމްޑީޕީއާ ގުޅެން ނިންމިކަން ހާމަކުރެއްވީ އިއްޔެ އެވެ. އެ ދެ ބޭފުޅުން އެމްޑީޕީއާ ގުޅެން ނިންމިކަން ހާމަކުރެއްވީ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ގަރާރެއް ފާސްކުރުމަށްފަހު އެވެ.

ނަޝީދުގެ އެދިވަޑައިގަތުމަކަށް ޑިމޮކްރެޓްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅުއްވި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ އެ ގަރާރާ ގުޅިގެން އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައި ހިމެނޭ ބައެއް މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވެފަ އެވެ. ނަމަވެސް ކުރިން އެމްޑީޕީގައި އަދި ފަހުން ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަން އަދަދު އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ. އެ ޕާޓީގެ ތެރޭގައި ވާދަވެެރިކަން ބޮޑުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު އެމްޑީޕީގެ އިސް ބޭފުޅުންގެ ހިިޔާލު ނަޝީދު ވެސް ވަނީ ހޯއްދަވައިފަ އެވެ.