Advertisement

ޖެމްކިއުގެ ޓީމު ލީޑަރެއްގެ ގޮތުގައި މަޖިލީހުގެ މެންބަރެއް

18 ޖޫން 2025 - 09:14 7

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މާލަމް. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ޖެމްކިއުގެ ޓީމު ލީޑަރެއްގެ ގޮތުގައި މަޖިލީހުގެ މެންބަރެއް

18 ޖޫން 2025 - 09:14 7

ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަށް އެތައް ސަތޭކަ ބަޔަކު ވައްދައި އެ ސްކީމުގެ ޓީމު ލީޑަރެއްގެ ދަރަޖައިގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުރިކަން އެނގިއްޖެ އެވެ.

ޖެމްކިއު ސްކީމަކީ ރަޖިސްޓްރީ ނުކޮށް މަކަރާއި އޮޅުވައިލުން އޮތް ސްކީމަކަށް ވާތީ، އެ ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންްޓު އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފައިވެ އެވެ.

ޓީމު ލީޑަރެއްގެ ގޮތުގައި އެ ސްކީމު ފުޅާކުރުމަށް މަސައްކަތްކުރާ މަޖިލީހުގެ މެންބަރަކީ ކާކުކަން ޕީއެންސީގެ ލީޑަޝިޕަށް އަދި ފުލުހުންނަށް ވެސް އެނގޭކަން އަދަދު ނޫހަށް މައުލޫމާތު ދިން މަސްދަރަކުން ބުންޏެވެ.

އެ މެންބަރާ އަދަދު ނޫހުން ސުވާލުކުރުމުން އެކަން ދޮގެއް ނުކުރައްވަ އެވެ.

އެ މެންބަރުގެ ދަށުން ޖެމްކިއުއަށް 300 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނޭ ފުރަތަމަ 40 މީހުންގެ ތެރެއިން ބައެއް މީހުންނަށް މެންބަރު އިންވެސްޓު ކޮށްދިންކަން، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެންބަރުން ވެސް މި ޕޮންޒީ ސްކީމުގައި ބައިވެރިވެ، ޕްރޮމޯޓުކުރަމުން އެބަގެންދެ އެވެ. މި ސްކީމުގައި ފުލުހުން، ސިފައިން ވެސް އުޅެ އެވެ.

އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ސީއެމްޑީއޭއިން ބުނި ނަމަވެސް އެއްވެސް ފިޔަވަޅެއް މިހާތަނަށް އެޅިކަން ހާމަކޮށްފައެއް ނުވެ އެވެ.

ޖެމްކިއު ބޭނުންކޮށް ޕްރޮމޯޓުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބަޔާންކޮށް ފުލުހުންނާއި ސީއެމްޑީއޭއިން މި މަހުގެ 15 ގައި ނޫސް ބަޔާނެއް ނެރެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކިތަންމެ ވަރަކަށް ނޫސް ބަޔާންތައް ނެރުނު ނަމަވެސް ޖީއެމްކިއު ބޭނުން ކުރައްވާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުންދާ ކަމަށެވެ.

މެންބަރު އައްބާސް ސަރުކާރުގެ މުއައްސަސާތަކަށް ގޮންޖަހައި ޖެމްކިއު ޕްރޮމޯޓުކުރާއިރު ވެސް އެއްވެސް މުއައްސަސާއަކުން ބަހެއް ނުބުނެ އެވެ.