Advertisement

ޔުމްނު ވައްޓާލި ކަމަށް ނުބެލެވުނަސް، ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ: ކޮމިޝަން

17 ޖޫން 2025 - 19:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައުދު އަހުމަދު ޒިލާލް: ޔުމްނު ވައްޓާލި ކަމަށް ނުބެލެވުނަސް، ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައި -- އާޓްވޯކް: އަދަދު


ޔުމްނު ވައްޓާލި ކަމަށް ނުބެލެވުނަސް، ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ: ކޮމިޝަން

17 ޖޫން 2025 - 19:52 0

އޭޕްރިލް 18، ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލް އޭނާ ވައްޓާލި ކަމަށް ނުބެލެވުނު ނަމަވެސް، ރައުދުގެ އިހުމާލެއް އޮތް ކަމަށް ބުރަވެވޭ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވި ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލެއް އޮތް ކަމަށް ބުރަވެވެނީ ޔުމްނު އާއި ރައުދު މއ. މާންދޫގެއިން ނިކުތް ފަހުން އެ ހ. މައިރާއަށް ދިޔުމާ ދޭތެރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ ކަމަށެވެ.

މިގޮތުން އެ ރޭ ހިނގައިދިޔަ ކަންކަން ރައުދު ހަނދާން ނެތުމުން އަދި ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ފުންމާލިކަން ނުވަތަ ވެއްޓުނުކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށެވެ.

ނަމަވެސް، ކޮމިޝަނަށް ލިބިފައި ހުރި ހެކިތަކަށް ބެލުމަށްފަހު ރިޕޯޓުގައި ބުނީ ބޮޑަށް ބުރަވެވެނީ ޔުމްނު ވެއްޓުނު ކަމަށެވެ.

ޔުމްނު ވެއްޓިގެން ލިބުނު އަނިޔާތައް ފިޔަވައި އިތުރު އެހެން އަނިޔާއެއް އޭނާއަށް ލިބިފައި ނުވާ ކަމާއި އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން ނެތްކަން މެޑިކަލް ރިޕޯޓުތަކާއި ހެކިންގެ ހެކިބަހުން ލިބުނު ކަމަށް ރިޕޯޓުގައި ބުންޏެވެ.

މީގެއިތުރުން ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީ ގޭގެ ޓެރަހުން ކަމަށް ނުބެލެވޭ ކަމަށާއި އޭނާ ވެއްޓުނީ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުރި ކުޑަދޮރުން ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ޕްރޮސެއިކުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. މިހާތަނަށް ރައުދު ވަނީ ބަންދުގައި 34 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ބަންދުގައި ހޭދަކުރަންޖެހޭނީ ދެ ދުވަހެވެ.

ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.

ޔުމްނުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ރައުދު ހައްޔަރުކޮށް އޭނާ ދޫކޮށްލާފައި ވެ އެވެ. އޭނާ އެންމެ ފަހުން ބަންދުން ދޫކޮށްލީ ޕީޖީ އޮފީހުން އެގޮތަށް އިރުޝާދުދީ ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.