Advertisement

ޔުމްނުގެ މައްސަލާގައި ރައުދުގެ މައްޗަށް އުފުލި ކުޑަ ދައުވާއަށް އޭނާ އިއުތިރާފްވެއްޖެ

20 ނޮވެންބަރު 2025 - 22:20 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައުދު އަހުމަދު ޒިލާލް ހައްޔަރު ކުރުމަށްފަހު ފުލުހުން އާންމުކުރި ފޮޓޯ


ޔުމްނުގެ މައްސަލާގައި ރައުދުގެ މައްޗަށް އުފުލި ކުޑަ ދައުވާއަށް އޭނާ އިއުތިރާފްވެއްޖެ

20 ނޮވެންބަރު 2025 - 22:20 1

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވެއްޖެ އެވެ.

މި މައްސަލާގައި ދައުލަތުން ރައުދުގެ މައްޗަށް ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދައުވާއަށް އެއްބަސްވީ އިއްޔެ ބޭއްވި އަޑުއެހުމެއްގަ އެވެ.

މިއާއެކު އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ނިންމައި، އަންނަ ހަފުތާގައި މައްސަލައިގައި ހުކުމް ކުރަން އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ރައުދުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. މި މައްސަލައިގައި އޭނާ މަހަކަށްވުރެ ގިނަ ދުވަހު ބަންދުގައި ހުރުމުން، ހުކުމް ކުރި ނަމަވެސް ރައުދު ޖަލަށް ދާން ޖެހޭނެ ކަމަކަށް ނުބެލެވެ އެވެ.

ޔުމްނުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ރައުދު ހައްޔަރުކޮށް އޭނާ ދޫކޮށްލާފައި ވެ އެވެ. އޭނާ އެންމެ ފަހުން ބަންދުން ދޫކޮށްލީ ޕީޖީ އޮފީހުން އެގޮތަށް އިރުޝާދުދީ ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ފުރަތަމަ ރައުދު ހައްޔަރު ކުރަން ނެރުނު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެއިރު ޕޮޒިޓިވް ވެފައި ވެ އެވެ.

އެ މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދިޔަ ގޮތަށް ފާޑުކިޔުން އަމާޒުވާން ފެށުމުން އޭޕްރިލް 24، ގައި ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ފެންމަތިވި އެވެ. އެ ގޯސްތައް ސާބިތުވީ މި މައްސަލާގައި ހެދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ވެސް އެ މައްސަލަތައް ފެންނާން ހުރުުމުންނެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން މި މައްސަލާގައި ރައުދު އާއި އެންމެ ފުރަތަމަ ފުލުހުން ސުވާލު ކުރުނުން ޔުމްނު ވެއްޓުނީ އޭނާގެ ގައިގައި ހިފަހައްޓައިގެން ހުއްޓައި ކަމަށް ރައުދު ބުނެފައިވެ އެވެ.