Advertisement

ނަޝީދު އާއި އީވާ އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި

17 ޖޫން 2025 - 15:58 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު އީވާ އަބްދުالله: އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ޖެހުނު މައްސަލަތަކެއްގެ ތެރޭގައި --- އަދަދު ފައިލް


ނަޝީދު އާއި އީވާ އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި

17 ޖޫން 2025 - 15:58 3

އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު ދިމާވި މައްސަލަގަނޑުގެ ތެރޭގައި އެ ޕާޓީން ވަކިވެގެން ގޮސް ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި އެވެ.

ނަޝީދު އާއި އީވާ އެމްޑީޕީއާ ގުޅެން ނިންމީ ދާދި ދެންމެއަކު ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހު އެވެ. ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ.

ޑިމޮކްރެޓްސްއިން މި ގަރާރު މިއަދު ފާސްކުރީ އެ ޕާޓީގެ ގިނަ ބައެއްގެ ތާއީދާއެކު އެވެ. ނަމަވެސް އެ ގަރާރު ފާސްކުރުމާ ގުޅިގެން ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.

ޑިމޮކްރެޓްސްއިން މިއަދު ފާސްކުރި ގަރާރާ އެއްގޮތަށް އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމުން، ޑިމޮކްރެޓްސް ދެމި އޮންނާނެތޯ އާއި އެ ޕާޓީއަށް ދެން ވާނީ ކިހިނެއްތޯ ސުވާލުކުރުމުން ހަމްދާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސުވާލުގެ ޖަވާބު ލިބޭނެ ކަމަށެވެ.

"މި ވަގުތު އަޅުގަނޑު ތިޔަ ސުވާލަށް އެއްޗެއް ދަންނަވާކަށް ބޭނުމެއް ނޫން، ކުރިއަށް އޮތް ދުވަސްތަކުގައި ތިޔަ ސުވާލުގެ ޖަވާބު ލިބޭނެ،" ހަމްދާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެން އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން އެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވި އެވެ. އަދި އެކަމާ ގުޅޭގޮތުން އެމްޑީޕީން ވެސް އަދި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން މީގެ ކުރިން ވަނީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު ވެސް ގުޅިގެން ސިޔާސީ މަސައްކަތް ކުރަން ފާސްކޮށްފަ އެވެ.

މިފަދަ ގަރާރެއް ޑިމޮކްރެޓްސްއިން މިއަދު ފާސްކުރިއިރު، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި ނަޝީދު އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފުސީލު އަދި ހާމަ ނުކުރި ނަމަވެސް ބައްދަލުވުމަށްފަހު ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތް ކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.