18 ޖޫން 2025 - 06:44 0
އަތޫފް އާތިފް
18 ޖޫން 2025 - 06:44 0
ފްލޮރިޑާ، އެމެރިކާ (ޖޫން 18) - ފީފާ ކްލަބް ވޯލްޑް ކަޕުގެ ފޯމެޓަށް ބަދަލު ގެނެސްގެން ކުޅޭ ފުރަތަމަ މުބާރާތް، ކާމިޔާބުކުރުން މުހިންމުވާ ސަބަބު ރެއާލް މެޑްރިޑްގެ ތަރި، ވިނީޝިއުސް ޖޫނިއާ ހާމަކޮށްފި އެވެ.
ފީފާ އިން އެންމެ ފަހުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް، 24، ބުނީ، މީހުންގެ ހަނދާނުގައި އަބަދުވެސް ފުރަތަމަ އަށް ބާއްވާ މުބާރާތް ހުންނާނެ ކަމަށެވެ.
ރެއާލުން މި މުބާރާތައް ފަރިތަކުރުންތައް ފެށިއިރު، ވިނީޝިއުސް ހުރީ ގައުމީ ޓީމާއެކުގަ އެވެ. އެކަމަކު، ގައުމީ ޓީމުގެ މެޗުތަކުން އައިސް، ޓީމާއެކު ރަނގަޅު ފަރިތަކުރުންތަކެއް ކުރެވިފައިވާ ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
"އާ ކޯޗާ (ޒަބީ އަލޮންސޯއާ) އެކު، އިތުރު ކާމިޔާބީ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް. ކުޅުންތެރިން މި ތިބީ ކޯޗުގެ އިރުޝާދާއެކު ކާމިޔާބީތައް ހޯދަން ކެތްމަދުވެފައި." ވިނީޝިއުސް ބުންޏެވެ.
ރެއާލުން ވަނީ ކުރީގެ ފޯމެޓަށް ބޭއްވި ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން, ފަސް ފަހަރު ހޯދައިފަ އެެވެ. އެކަމަކު, އާ ފޯމެޓަށް ކްލަބް ވޯލްޑް ކަޕް ފެށުމަށް ފަހު, އެ މުބާރާތުގެ ނަން އިންޓަ ކޮންޓިނެންޓަލް ކަޕަށް ވަނީ ބަދަލުކޮށްފަ އެވެ.
ރެއާލުން ވަނީ އާ ސީޒަނަށް އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވިނީޝިއުސް ބުނީ އާ ކުޅުންތެރިންނާ އެކު ރެއާލްގެ ސްކޮޑު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. އަދި، މުޅި ޓީމު މި ވަގުތު ފޯކަސް އޮތީ ކްލަބް ވޯލްޑް ކަޕުގައި ކުޅޭ މެޗުތަކަށް ކަމަށް ވިނީޝީއުސް ބުންޏެވެ.
ކްލަބް ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ރެއާލުން ނުކުންނާނީ ސައުދި އަރަބިއްޔާގެ އަލް ހިލާލްއާ ދެކޮޅަށެވެ.
Comment